އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓްހަމް އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ސިޓީ ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބު ކޮށް, ތާރީހު ހަދައިފިއެވެ.
ރޭގެ މެޗަށް ސިޓީ ނިކުތްއިރު ލީގު ކާމިޔާބު ކުރަން އެ ޓީމަށް މިއީ ވަރަށް މުހިއްމު މެޗެކެވެ. 88 ޕޮއިންޓާއެކު ސިޓީ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 86 ޕޮއިންޓެވެ. އެހެން ކަމުން ސިޓީ އެއްވަރުވެފަ ނުވަތަ ބަލިވެފަ އާސެނަލް މޮޅުވެއްޖެ ނަމަ އާސެނަލްއަށް ލީގުގެ ތަށި ލިބިގެންދާނެއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ސިޓީއިން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން މެޗު ފެށިގެން 78 ސިކުންތު ތެރޭގައި ފިލް ފޮޑެން ވަނީ ލަނޑު ޖަހާ ސިޓީއަށް ލީޑު ނަގާދީފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ފޮޑެން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ސިޓީގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ވެސްޓްހަމް ވަނީ ލަނޑު ޖަހާ ސިޓީގެ ލީޑު ކުޑަކޮށްފައެވެ. މި ލަނޑަކީ މެޗުގެ 42 ވަނަ މިނެޓުގައި މުހައްމަދު ކުޑޫސް ކާމިޔާބު ކޮށްދިން ވަރަށް ފުރިހަމަ ލަނޑެކެވެ. ކުޑޫސްގެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 އިން ސިޓީ ކުރީގައި އޮވެގެންނެވެ.
ސިޓީގެ ތިން ވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމުގައިވާ ރޮޑްރީއެވެ. މެޗުގެ 88 ވަނަ މިނެޓުގައި ވެސްޓްހަމްގެ ސޫޝެކް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ގޯލު ޖެހުމުގެ ތެރޭގައި ކުޅުންތެރިޔެއްގެ އަތުގައި ޖެހިފައި ކަމަށް ބަލާ, ރެފްރީ ވަނީ ގޯލު ސައްހަ ނޫން ކަމަށް ނިންމާފައެވެ.
މެޗުގެ ގަޑި ހަމަވެގެންދިޔަ އިރު ވެސް ވެސްޓްހަމަށް ނަތީޖާ އެއްވަރުނުކުރެވުމުން ސިޓީ ވަނީ ލީގުގެ ތަށި ޔަގީން ކޮށްފައެވެ. އެއާއެކު ސިޓީ ވަނީ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު ފަހަރަށް ލީގު ކާމިޔާބު ކުރި ޓީމަށް ވެފައެވެ.
ރޭގައި އިނގިރޭސް ޕްރިމިއާ ލީގުގެ 2023-2024 ވަނަ އަހަރުގެ ސީޒަން ނިމިގެންދިޔައިރު ތާވަލުގެ އެއްވަނައިގައި 91 ޕޮއިންޓާއެކު އޮތީ ސިޓީއެވެ. އެންމެ ދެ ޕޮއިންޓުގެ ތަފާތުން ލީގުގެ ތަށި ގެއްލުނު އާސެނަލް ދެވަނައިގައި އޮތް އިރު ތިންވަނައިގައި އޮތީ ލިވަޕޫލެވެ. ހަތަރުވަނައިގައި އޮތީ މި ސީޒަނުގައި އާދަޔާހިލާފު މޮޅު ކުޅުމެއް ދެއްކި އެސްޓަން ވިލާއެވެ. ފަސްވަނައިގައި ޓޮޓެންހަމަ ހޮޓްސްޕާ އޮތް އިރު ހަވަނައިގައި އޮތީ, ސީޒަންގެ ފަހުކޮޅުގައި މޮޅު ކުޅުމެއް ދައްކާފައިވާ ޗެލްސީއެވެ.