ސްޕެނިޝް ލަލީގާގައި ވިއަރެއާލް 4-4 އިން ވަރުގަދަ ރެއާލް މެޑްރިޑް ހިފަހައްޓާލައިފިއެވެ.

ވިއަރެއާލްގެ ދަނޑުކަމުގައިވާ އެލްމެޑްރިގާލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ރެއާލެވެ. މެޗުގެ 14 ވަނަ މިނެޓުގައި ރެއާލުގެ ޒުވާން ކުޅުންތެރިޔެއް ކަމުގައިވާ އާރްޑާ ގޫލާ ވަނީ ލަނޑު ޖަހާ ރެއާލަށް ލީޑު ނަގާދީފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ތަޖުރިބާކާރު ސްޓަރިކަރު ޖޮސެލޫ ވަނީ ރެއާލުގެ ލީޑު ދެ ގޯލަށް އިތުރުކޮށްދީފައެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ވިއަރެއާލްގެ އެލެކްސެންޑާ ސޯލޮތު ވަނީ ލަނޑު ޖަހާ އެ ޓީމަށް ސުންކަނޑާލަދީފައެވެ. އޭގެ އެއް މިނެޓު ފަހުން ލޫކަސް ވަޒްކޭޒް ވަނީ ލަނޑު ޖަހާ ރެއާލަށް ދެ ގޯލުގެ ލީޑެއް ދެވަނަ ފަހަރަށް ނަގާދީފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ގޫލާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ރެއާލުގެ ހަތަރު ވަނަ ލަނޑު ޖަހާފައެވެ. ގޫލާގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 4-1 އިން ރެއާލު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވިއަރެއާލްގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. ދެވަނަ ހާފު ފެށިގެން 48 ވަނަ މިނެޓުގައި ސޯލޮތު ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ރެއާލުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން އޭނާ ވަނީ އޭނާގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށް ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ސޯލޮތު ވަނީ މެޗުގެ 56 ވަނަ މިނެޓުގައި އޭނާގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

4-1 އިން ބަލިވަނިކޮށް ސޯލޮތުގެ ހުނަރުވެރިކަމާއެކު ވިއަރެއާލް ވަނީ 4-4 އިން މެޗު ނިންމާލާ, ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަތުން އެއް ޕޮއިންޓު ހޯދާފައެވެ.

ލީގުގައި ދެ ޓީމަށް ވެސް ބާކީ އޮތީ އެންމެ މެޗަކަށްވާއިރު ރެއާލު އޮތީ 94 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ސީޒަނުގެ ފަހު މެޗަށް ނިކުންނައިރު ވިއަރިއާލް އޮތީ 52 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ. ލަލީގާ ސީޒަނުގެ ފަހު މެޗު ކުޅެވިގެންދާނީ 26 މެއި ވާ ދުވަހު 00:00 ގައެވެ.