ސްޕެނިޝް ލަލީގާގައި ރާޔޯ ވަޔަކާނޯ އަތުން 3-0 އިން މޮޅުވެ ބާސެލޯނާ ލީގުގެ ދެވަނަ ކަށަވަރުކޮށްފިއެވެ.
ބާސާ ވަގުތީ ގޮތުން ހޯމް ގޭމްސް ކުޅެމުން އަންނަ އެސްޓާޑިއޯ އޮލިމްޕިކް ލުއިސް ކޮމްޕެނީސްގައި ކުޅުނު މެޗުގެ ތިން މިނެޓު ތެރޭ ރޮބާޓް ލެވަންޑޮސްކީ ވަނީ ލަނޑު ޖަހާ ބާސާއަށް ލީޑު ނަގާދީފައެވެ. މި ލަނޑަކީ ލެވަންޑޮސްކީ މި ސީޒަނުގައި ބާސާއަށް ކާމިޔާބު ކޮށްދިން 25 ވަނަ ލަނޑެވެ. އެއާއެކު މިއީ އޭނާ ޖެހިޖެހިގެން 25 ލަނޑު ކާމިޔާބު ކުރި 13 ވަނަ ސީޒަނެވެ. އެންމެ ފަހުން އޭނާއަށް 25 ލަނޑު ސީޒަނެއްގައި ކާމިޔާބު ނުކުރެވުނީ 2011 ވަނަ އަހަރުގައެވެ.
ބާސާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޖައޯ ފީލިކްސްގެ މޮޅު ކުޅުމަކުން ފަހިވި ފުރުސަތަކުން ބަދަލު ކުޅުންތެރިޔެއް ގޮތުގަައި އެރި ޕެޑްރީ ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ތިން މިނެޓު ފަހުން ޕެޑްރީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ބާސާގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. މެޗުގައި އާދައިގެ ކުޅުމެއް ދެއްކުމު ރާޔޯ ވެލެކާނޯއަށް ސުންކަނޑާނުލެވުނު އިރު, ބާސާގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަތަރު ހަމަލާއެވެ.
މެޗުން މޮޅުވުމާއެކު ބާސާއަށް ވަނީ ލީގުގެ ދެވަނަ ކަށަވަރުކުރެވިފައެވެ. ބާސާ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 82 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ޖިރޯނާއަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. ސީޒަނުގައި ބާކީ އޮތީ އެންމެ މެޗެއް ކަމަށް ވާތީ ދެން ޖިރޯނާއަށް ބާސާ ފަހާލުމުގެ ފުރުސަތެއް ނެތެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ, ބާސާގެ ޒަމާންވީ ވާދަވެރިން ކަމުގައިވާ ރެއާލް މެޑްރިޑެވެ.