ޅ. އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޚާއްޞަ 5 ސަރަހައްދެއް ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއިއެކު، ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް، ޅ. އަތޮޅުން ހިމާޔަތްކުރެއްވުމަށް، ކަނޑައެޅުއްވި، 5 ސަރަޙައްދަކީ ޅ އަތޮޅުގެ ޅ.މާގަނދު (އެނިމޮނީ) ތިލަ، ޅ.ދިއްފުށި-މާދޫގައި ހިމެނޭ 5 ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު، ޅ.މާކޯ، ޅ.ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅިއާއި ދަނޑިފަޅު ފިނޮޅު ސަރަހައްދު އަދި ޅ. ދަށުގިރި ފިނޮޅު ސަރަހައްދެވެ.

އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު، ހިމާޔަތްކުރެއްވުމަށް ނިންމެވި 5 ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ.

މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ފާދިއްޕޮޅުގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ 4 ސަރަހައްދަކާއި، ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.

ސަރުކާރުން ވަނީ 1995 ސެޕްޓެންބަރު 27 ގައި ޅ.ފުށިފަރު ތިލަ ސަރަހައްދު ހިމާޔަތް ކޮށްފައެވެ. އަދި 1999 އޮކްޓޫބަރު 21 ގައި ޅ.ކުރެއްދޫ ކަނޑު އޮޅި (ކުރެއެދޫ އެކްސްޕްރެސް) ސަރަހައްދު ވެސް ވަނީ ހިމާޔަތް ކޮށްފައެވެ.