ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މިސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގައި ކާބަން ފުޓްޕްރިންޓް މުޅި ދުނިޔޭގައިވެސް އެންމެ މަދުން ބޭނުން ކުރާ ގައުމަށް ހެދުން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދް ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރަންސް ހުޅުވާލުމަށް ތައިލެންޑުގެ ބެންގްކޮކްގައި ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ކުރިއަށް ދިޔަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމަކީ ދުނިޔޭގައި އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަން ކަމުގައިވިއަސް, ރާއްޖޭގެ މަސްވެރިކަމުގެ ކާބަން ފުޓްޕްރިންޓް މަދުކޮށް ދިވެހިރާއްޖޭގެ މަސްވެރިކަން "ފެހި" ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމުގައެވެ.
"ދިވެހިރާއްޖޭގައި ކުރެވިގެންދާ މަސްވެރިކަމަކީ ކަނޑުގެ ދިރުންތަކަށް ގެއްލުން ނުލިބޭ ގޮތަށް ސާފުކޮށް މަސްވެރިކަން ކުރާކަމަށް މަޝްހޫރު މަސްވެރިކަމެއް. ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ޓަކައި އެޅިފައިވާ ބިންގާތަކާ މެދު އަޅުގަނޑުމެން ފަހުރުވެރިވަން. އަޅުގަނޑުމެން މިހާރުގެ އަމާޒަކީ ރާއްޖެއަކީ މަސްވެރިކަމުގައި ދުނިޔޭގެ އެންމެ މަދުން ކާބަން ފުޓްޕްރިންޓް ކުރާ ގައުމަށް ވުން" އިންފޯފިޝްގެ އެގްޒިބިޝަން ހުޅުވާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަހްމަދް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ މަސްވެރިކަން ފެހި ކުރުމަށް ޓަކައި މިހާރު ވެސް އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެ ގޮތުން ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އިއާދަނުކުރެވޭ ހަކަތައިގެ 35 އިންސައްތަ އިއާދަކުރެވޭ ހަކަތައަށް ބަދަލުކުރެވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.