ޔޫކްރޭނުން ފިރިހެނުން ހުސްވަންދެން ޔޫކްރޭން ލައްވައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުވަން ހުޅަނގުން ބޭނުންވާ ކަމަށް ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވެއްޖެއެވެ.
ޕެސްކޯވް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ދާދިފަހުން ރަޝިޔާގެ އެންމެ "ފުނަށް" ހަމަލާ ދިނުމަށް ހުޅަނގުގެ ހަތިޔާރު ބޭނުން ކުރަން ބިރުގަންނަން ނުޖެހޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
"އެމީހުން (ހުޅަނގުން) އެ ތިބީ ޔޫކްރޭނުގެ އެންމެ ފަހު މީހާޔާ ޖެހެންދެން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުވަން ތައްޔާރުވެގެން. ހުޅަނގުގެ ވެރިންގެ ބޮލުގައި އެނބުރެމުން ދަނީ މި ހިޔާލުތައް. ސްޓޮލްޓެންބަރގުގެ ބަސްމަގުން މިކަން އެބަ ހާމަވޭ،" ޕެސްކޯވް ވިދާޅުވިއެވެ.
ތަރުޖަމާނު ޕެސްކޯވް ވިދާޅުވީ ސްޓޮލްޓެންބާގް އެފަދަ ވާހަކަތައް ދައްކަވަނީ އޭނާއަކީ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިވެވަޑައިގަންނަވަން ތައްޔާރު ވަމުންދާ ބޭފުޅަކަށް ވާތީ ކަމަށެވެ.
"އޭނާ މަސައްކަތް ކުރާ ތަނުގައި (ނޭޓޯގައި) މަސައްކަތް ކުރުން ވަރަށް އަވަހަށް އޭނާ ހުއްޓާލާން ތައްޔާރުވަމުން އެދަނީ. އެއީ، މުހިންމު ގޮތެއްގައި، އެފަދަ ޒިންމާދާރުކަން ކުޑަ ބަޔާންތައް ދެއްވުމަށް ހުއްދަ ދޭ ސަބަބު،" ޕެސްކޯވް ވިދާޅުވި އެވެ.
ރަޝިޔާގެ އެންމެ ފުނަށް ހަމަލާ ދެވޭނެ ފެންވަރުގެ މިސައިލު ދިނުމަށް ޔޫކްރޭނުގެ ރައީސް ވްލޮޑިމީރު ޒެލެންސްކީ ގެންދަވަނީ އެމެރިކާ އާއި ހުޅަނގުގެ ވެރިންނަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރައްވަމުންނެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އެމެރިކާ އާއި ހުޅަނގުގެ ވެރިންްނަށް އިންޒާރު ކޮށްފައި ވަނީ ޔޫކްރޭނުން ރަޝިޔާގެ ފުނަށް ހަމަލާދީފިނަ އެކަން ރަޝިޔާއިން ބަލައިގަންނާނީ ނޭޓޯއިން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރީ ކަމުގައެވެ. އެހާލަތުގައި ރަޝިޔާ މަޑުމަޑުން ނޯންނާނެ ކަމަށް ޕޫޓިން ވަނީ ނޭޓޯއަށް އިންޒާރު ކުރައްވާފައެވެ.