މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް, ކޮނާ ޓޫނާގެ ސީނިއާ އެގްޒެކަޓިވް އޮފިސަރު ސާމީ ބުގާގީސްއާ ބައްދަލުކުރައްވައިފިއެވެ.
ކޮނާ ޓޫނާގެ ސީއީއޯ ސާމީ ބުގާގީސްއާ މިނިސްޓަރ ޝިޔާމް ބައްދަލު ކުރެއްވީ މިއަދު ކުރިއަށް ދިޔަ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރަންސް އެންޑް އެގްޒިބިޝަން ހުޅުވާލުމުގެ ރަސްމިއްޔާތުގައެވެ.
ކޮނާ ޓޫނާގެ ސީއީއޯ ސާމީ އާއި މިނިސްޓަރ ޝިޔާމް ކުރެއްވި ބައްދަލުވުމުގައި ވަނީ ރާއްޖެއިން ލިބިޔާއަށް ދަޅު މަސް އެކްސްޕޯޓު ކުރުމަށް ލުއިފަސޭހަ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކަކީ ސަރުކާރުން ދިވެހިރާއްޖެއިން ރޯމަސް އެކްސްޕޯޓު ކުރާ މިންވަރު މަދުކޮށް, ދަޅުމަސް ފަދަ ލޯކަލް ޕްރޮޑަކްޓްތައް އެކްސްޕޯޓު ކުރުމަށް އިސްކަން ދިނުމަށް ކުރާ މަސައްކަތަށް ކުރިއެރުން ގެނައުމަށް ކުރެވިގެންދިޔަ މަޝްވަރާތަކެކެވެ.
މިއަދު ބޭއްވި އިންފޯފިޝް އެގްޒިބިޝަން ހުޅުވާލުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝިޔާމް ވަނީ އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައިޕީއެންއެލްއެފް) ގެ ޗެއާމަން ރަހީމް ހޫސެންއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އައިޕީއެންއެލްއެފްގެ ޗެއާމަން ހޫސެން ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޓަކައި ރާއްޖޭގެ ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރއަށް ދެއްވާފައެވެ.