ޝްރީލަންކާގެ އާބަދީގެ 74.9 އިންސައްތަ އަކީ ސިންގަޅައިންނެވެ. އަދި 11.2 އިންސައްތަ އަކީ ތަމަޅަ މީހުންނެވެ. ސިންގަޅައިންނަކީ ބުޑިސްޓުންނެވެ. އަދި ތަމަޅަ އިންނަކީ ހިންދޫންނެވެ. މި ދެ ނަސްލުގެ މެދުގައިތަފާތުތަކެއް ހުއްރެވެ. ބަހާއި، ދީނީ ގޮތުންނާއި، ޘާޤާފީ ގޮތުން ވެސް ބައިބައިވުންތަކެއް ދައްކުވައިދެއެވެ. ނަމަވެސް މި ދެ ނަސްލުގެ މެދުގައި އުފެދުނު ހަމަނުޖެހުން ފެށުނީ އެ ޤައުމުގެ އާބާދީގެ ގަދީމީ ތާރީޚުގައި މާކުރިން ކަމަށް ބެލެވެ އެވެ. ތާރީޚް ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި ތަމަޅައިން ޝްރީލަންކާއަށް ގޮސްފައި ވަނީ އިންޑިއާގެ ޗޯޅާ ކިންގްޑަމްގެ ވަޒަންވެރިންނާއި ވިޔަފާރިވެރިންގެ ގޮތުގައެވެ. ސިންގަޅައިންނާއި، ތަމަޅަ ޖަމާޢަތްތަކުގެ މެދުގައި ހިތްހަމަ ނުޖެހުމާއި، އަރާރުން ވަރަށް ކުރީއްސުރެ އޮތްކަމަށް ބެލެވެއެވެ. އެއީ ސަގާފަތް އެއްގޮތް ނުވުމާއި، ބާރުގެ މައްސަލަތަކުގެ ސަބަބުން ކަމަށްވެއެވެ.

ޝްރީލަންކާގެ ދެ ނަސްލުގެ މީހުންގެ މެދުގައި ދާޚިލީ ހަނގުރާމަ ފެށުނީ 1983 ވަނަ އަހަރުގެ ޖުލައި މަހު23 ގައެވެ. އެ ހަނގުރާމަ 26 އަހަރު ވަންދެން ކުރިއަށް ގޮސްފައި ވެއެވެ. ހަނގުރާމަ ނިމުނީ 18 މެއި 2009 ގައެވެ. މި ހަނގުރާމައަކީ މައިގަނޑު ގޮތެއްގައި ސިންގަޅައިންނާއި، ސްރީލަންކާ ސަރުކާރާއި ދެމެދު ކުރެވުނު ހަނގުރާމައެކެވެ. މި ހަނގުރާމަ ފެށުނުގޮތަށް ބަލާއިރު ދާޚިލީ ހަނގުރާމަ ފެށިފައި ވަނީ ސިންގަޅަ އާއި، ތަމަޅަ ނަސްލުގެ މީހުންގެ މެދުގައި އުފެދުނު ހިތްހަމަ ނުޖެހުމާއި، އުދާސްތަކެއްގެ ސަބަބުން ކަމެވެ. މި ހިތްހަމަ ނުޖެހުން ބޮޑުވެ 1983 ގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު މުޒާހަރާ ކުރަން ފެށުނެވެ.

އިނގިރޭސީންގެ އިސްތިޢުމާރީ ވެރިކަމުގައި މި ދެ ޖަމާއަތުގެ މެދުގައި އުފެދުނު ފިތުނަތައް އިތުރަށް ގޯސްވިއެވެ. ސީއައިއޭ އިން 1985 ވަނަ އަހަރު ލަފާ ދިން ގޮތުގައި ތަމަޅަ ޖަމާއަތުގެ ތަނަވަސްކަމުން ސިންގަޅަ މުޖުތަމައަށް ނުރައްކާތެރިކަން އިހުސާސް ކުރެވުއެވެ. އެއީ އެކި ގޮތްގޮތުން އިނގިރޭސިން ޝްރީލަންކާ ހިފުމުގެ ތެރޭގައި ތަމަޅަ މީހުންނަށް އިނގިރޭސީން އިސްކަން ދިނުމުންނެވެ. އިންޑިއާ، ދެކުނު އެފްރިކާ، އަދި ސިންގަޕޫރު ފަދަ އިނގިރޭސިވިލާތުގެ އެހެން ބައެއް ކޮލޯނިތަކުގައި ވެސް ތަމަޅަ ޖަމާއަތްތައް އުފެދިފައިވާތީ، ވިޔަފާރީގެ ފުޅާ ނެޓްވޯކްތަކާއި ފުޅާ ދާއިރާއެއްގައި ފުރުސަތުތަކުގެ ފައިދާ ޝްރީލަންކާގެ ތަމަޅަ މީހުންނަށް ލިބުނެވެ. މީގެ އިތުރުން އިނގިރޭސި އިސްތިޢުމާރީ ފަރާތްތަކުން ގިނަ ފަހަރަށް އިނގިރޭސި ބަހުގެ ސްކޫލްތައް ގިނައިން ތަމަޅަ ސަރަޙައްދުތަކުގައި ބިނާކޮށްފައއިވެއެވެ. ސިންގަޅަ ކުދިންނަށްވުރެ ތަމަޅަ މީހުންނަށް ސިވިލްގެ ޚިދުމަތާއި، ޕްރޮފެޝަނަލް ފުރުޞަތުތައް ލިބުނެވެ. ތަމަޅައިންނަށް އިސްކަން ދިނުމުގެ ސަބަބުން ސިންގަޅައިން އެކަހެރިވެ އަނިޔާވެރިކަމުގެ އިހުސާސް ކުރެވުނެވެ. އިނގިރޭސި އިސްތިޢުމާރުގެ ކުރިން މި ޖަމާޢަތްތަކުގެ މެދުގައި ފިތުނަ އުފެދިފައިވީ ނަމަވެސް، އެ ޤައުމުގެ މިނިވަންކަމަށް ފަހު ހިނގި ކަންތައްތަކުން ދޭހަވަނީ، އިސްތިޢުމާރީ ވެރިކަމުގެ ސަބަބުން ހަމަނުޖެހުން އުފެދިފައިވާކަމެވެ.

އިނގިރޭސިވިލާތުގެ ދަށުން ޝްރީލަންކާ އަށް މިނިވަންކަން ލިބުމަށް ފަހު ސިންގަޅައިންގެ ގިނަ ބަޔަކު ވެރިކަމުގެ މަތީ ފަންތީގެ ވަޒީފާތަކަށް ވަދެ މަސައްކަތް ކުރިއެވެ. މި ބައި މީހުންނަށް ބާރު ލިބި، މަޑުމަޑުން އެ މީހުންގެ ތަމަޅަ އެކުވެރިންގެ ހައްގުތައް ފައިދާހުރި ގޮތެއްގައި ގެއްލިގެންދާ ގާނޫނުތައް ފާސްކުރަމުން ދިޔައެވެ. އެފަދަ އެއް ޢަމަލަކީ ސިންގަޅަ ބަހަކީ އެ ޤައުމުގެ ހަމައެކަނި ރަސްމީ ބަހަކަށް ހަދައި، ސަރުކާރުގެ ޚިދުމަތްތައް ހޯދަން މަސައްކަތްކުރާ ނުވަތަ އާންމު ވަޒީފާއެއް ހޯދަން އުޅޭ ތަމަޅަ މީހުންނަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ސްރީ ލަންކާގެ ކުރީގެ ރައީސެއް ކަމުގައިވާ ޗަންދްރިކާ ބަންޑާރަނައިކޭ ކުމާރަތުންގާ ވިދާޅުވެފައި ވަނީ އޭނާގެ ބައްޕަގެ ދުވަސްވަރު ފާސްކުރި އެ ޤާނޫނަކީ އިނގިރޭސިންގެ ދިގު ވެރިކަމުގެ ފަހުން ޝްރީލަންކާގެ އައިޑެންޓިޓީއެއް އަލުން ހޯދުމަށް އެޅި ފިޔަވަޅެއް ކަމުގައެވެ. މިހެން މިކަނ އޮތްނަމަ، އޭރުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން އުންމީދުކުރީ އިނގިރޭސި އިސްތިޢުމާރީ ވެރިކަމުގައި ގެއްލިފައިވާ ކަމަށް ހީވި ސިންގަޅަ ނަސްލުގެ ކަރާމާތް އަނބުރާ ހޯދުން ކަމަށެވެ. ނަމަވެސް ތަމަޅައިންގެ ސަގާފަތް ކުޑަކުރުމަކީ ހަމަ އެ ޤާނޫނުތަކުން ހާސިލްކުރި ކަމެކެވެ.

މި ފަދަ އަނެއް ސިޔާސަތަކީ ސްޓޭންޑަރޑައިޒޭޝަން ހެދުމެވެ، މިއީ ސިންގަޅަ ދަރިވަރުންނަށް ތަޢުލީމީ ގޮތުން އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމެވެ. އެ ސިޔާސަތުގައި ބުނެފައި ވަނީ ސްރީލަންކާގެ ޔުނިވާސިޓީތަކަށް ވަނުމަށްޓަކައި ތަމަޅަ ދަރިވަރުން ސިންގަޅަ ދަރިވަރުންނަށް ވުރެ މަތީ އިމްތިހާނުގެ ނަތީޖާތަކެއް ހޯދުމަށެވެ. މިގޮތުން، ސިންގަޅައިން ގިނަ ސަރުކާރަކުން ފާސްކުރި މި ޤާނޫނުގެ ސަބަބުން ހަމަހަމަ ކަން ގެއްލުނެވެ. އޭގެ ބަދަލުގައި އެއީ ތަމަޅަ ދަރިވަރުންނާ މެދު ތަފާތުކުރުމެކެވެ.

މި ތަފާތުކުރުމުގެ ސިޔާސަތުތަކަށް ތަމަޅައިން ރައްދު ދިނީ އެބައި މީބހުންނަށް ވަކި ސްޓޭޓެއް ކަމަށްވާ ތަމަޅަ އީލާމްގެ ނަމުގައި ވަކި ސްޓެއްޓެއް ހެދުމުގެ ޚިޔާލެވެ. އެހެންނަމަވެސް މި ޚިޔާލަށް ސިންގަޅައިންނަށް އެއްބަހެއް ނުވެވުނެވެ. މި ގޮތުން ތަމަޅައިންގެ ޖަމާއަތެއް ކަމުގައިވާ ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އިން އެ ޚިޔާލު ދޫކުރުމަށް ބޭނުން ނުވިއެވެ. އެއަށްފަހު އެ ހަމަނުޖެހުން ބޮޑުވެގެން ދިޔައީ ދާޚިލީ ހަނގުރާމައަކަށެވެ. މި ހަނގުރާމަ ރަސްމީކޮށް ފެށުނީ 1983 ވަނަ އަހަރުގެ ޖުލައި މަހު ކޮލަމްބޯގައި ތަމަޅަ މީހުންނަށް އަމާޒުކޮށްގެން އެއް ދުވަސް ވަންދެން ހަމަނުޖެހުން ހިންގި ފަހުންނެވެ. ސައްބީސް އަހަރަށް ދެމިގެންދިޔަ މި ހަނގުރާމަ ނިމުނީ 2009 ވަނަ އަހަރުގެ މެއި މަހު ލަންކާ ސަރުކާރުން އެލްޓީޓީއީގެ ލީޑަރު ވިލުޕިއްލައި ޕްރްބާކަރަން މަރާލިކަން އިއުލާން ކުރުމުންނެވެ.

ނޯޓު: މި ލިޔުމަށް މަޢުލޫމާތު ނަގާފައި ވަނީ "އަލްޖަޒީރާ" އިންނެވެ.