އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ފޯމު ހުށަހެޅުމުން، ދިވެހިރާއްޖެއިން ނަތަންޔާހޫ ހައްޔަރު ކުރުމަށް ތާއިދުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއްކަމަށެވެ. އެއްވެސް ޤައުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށްވުރެ މަތީ ޤައުމެއް ނޫން ކަމަށާއި، ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ މީހުން ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއަށް އިޒްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ސާބިތުވާ ވަރަށް ހެކި ޕްރޮސެކިއުޓަރ އޮފީހުން އެއްކޮށްފައިވާ ކަމުގެ ޔަގީންކަން އޮތްކަމަށެވެ.

މިއަދު އިޒްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ޑިފެންސް މިނިސްޓަރ ޔޯއަވް ގަލާންޓް ހައްޔަރު ކުރުމަށް ބައިނަލަޤްވާމީ ކުރިމިނަލް ކޯޓުގައި އެ ކޯޓުގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް އަޙްމަދު ޚާން އެދިވަޑައިގެންނެވިއެވެ. ނަތަންޔާހޫ އާއި ގަލާންޓް ހައްޔަރު ކުރަން ހުށައަޅާފައިވަނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި އާންމުން ބަނޑުހައިހޫނުކަން ތަހައްމަލްކުރުވުން، ހަށިގަނޑަށާއި ސިއްޙަތަށް ބޮޑެތި އަނިޔާތަކެއް ދިނުން، ގަސްތުގައި އިންސާނުން މެރުން، އަދި އިތުރު ލާއިންސާނީ އަމަލުތައް ހިންގާފައި ވާތީއެވެ.