މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއަރޕާސަންގެ މަގާމުން އައިޝާ ނޫރައިން ޖަނާހު އިސްތިއުފާ ދެއްވައިފިއެވެ.

އެ ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަނުކޮށްފައި ވަނީ ފާއިތުވި ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ.

ނަމަވެސް ނޫރައިން އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

ނޫރައިން މަގާމުން އިސްތިއުފާ ދެއްވި އިރު އޭނާ ފަހަކަށް އައިސްވަނީ ރާއްޖެއިން ބޭރުގެ ފޯރަމްތަކުގައި އެމްއެމްޕީއާރުސީ ތަމްސީލުކުރައްވަމުން ގެންދަވާފައެވެ.

އާއިޝާ ނޫރައިން އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރުންގެ ފެންވަރުގައި އައްޔަނުކުރައްވާފައިވާ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ.

ނޫރައިން ވަނީ ނިއުޒިލެންޑްގެ އެކި ޓްރަސްޓީ ބޯޑުތަކުގައި މެމްބަރުކަން ކުރެއްވުމުގެ އިތުރުން ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވައިފައެވެ.

އަދި އޭނާ އަކީ ދިހަ އަހަރު ދުވަހުގެ މެނޭޖްމެންޓް ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓެންޓެއްވެސް މެއެވެ.