ދުނިޔެގެ ޤައުމުތަކުގެ ވެރިންގެ ތެރެއިން މިހާތަނަށް 27 ވެރިއަކު ވައިގެ ޙާދިޘާތަކުގައި އަވަހާރަވެފައިވާ ކަމުގައި ރެކޯޑުވެފައި ވެއެވެ. އެއީ ދައުލަތުގެ ވެރިންގެ ގޮތުގައި ތިއްބެވި 18 ވެރިއަކާއި، ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި 9 ބޭފުޅެކެވެ. އެފަދަ ޙާދިސާ އެއް އެއްމެ ފުރަތަމަ ހިނގާފައިވާ ކަމުގައި ރިކޯޑުކުރެވިފައި ވަނީ 1936 ގައި ސްވިޑްނަށެވެ. ދައުލަތުގެ އިސް ވެރިއަކު އަވަހާރަވީ 1940 ގައެވެ. އެއީ ޕެރަގުއޭގެ ރައީސް އެވެ. ސަރުކާރުގެ ވެރިންގެ ތެރެއިން އެއްމެ ފުރަތަމަ އަވަހާރަ ވެފައި ވަނީ 1936 ގައި އަވަހާރަވި ސްވިޑްންގެ ބޮޑުވަޒީރު އެވެ. އެއްމެ ފަހުން އަވަހާރަވި ދައުލަތުގެ ވެރިޔަކީ، ޗިލީގެ ރައީސެވެ. އެއީ މި އަހަރު އެވެ. ސަރުކާރުގެ އިސްވެރިންގެ ތެރެއިން އެއްމެ ފަހުން އަވަހާރަވީ އީރާނުގެ ރައީސް އެވެ.

މިފަދަ އެއްމެ ގިނަ ޙާދިޘާ ހިނގާފައި ވަނީ ލެޓިން އެމެރިކާގައެވެ. އެއީ 7 ޙާދިޘާއެވެ. 1940 ގައި ހިނގި ޙާދިޘާގައި ޕެރަގުއޭގެ ރައީސް ވަނީ އަވަހާރަ ވެފައެވެ. ބްރެޒިލްގައި ދެ ޙާދިޘާ ހިނގާފައި ވެއެވެ. އެއީ 1958 އާއި، 1967 ގައެވެ. މި ދެ ޙާދިޘާގައި ވެސް އަވަހާރަވީ އެ ޤައުމުގައި ރައީސްކާން ކުރެއްވި ދެބޭފުޅުންނެވެ. އޭގެ އިތުރުން އެކުއެޑޯގެ ރައީސަކު އަވަހާރަ ވެފައި ވަނީ 1981 ވަނަ އަހަރު އެވެ. އަދި ޕެނަމާގެ މިލްޓްރީ ލީޑަރަކު ވެސް 1981 ވަނަ އަހަރު އަވަހާރަ ވެފައި ވެއެވެ. މި އަހަރު 2024 ގައި ޗިލީގެ ރައީސަކު އަވަހާރަ ވެފައި ވެއެވެ.

ދެ ވަނައަށް އެއްމެ ގިނަ ބޭފުޅުން އަވަހާރަ ވެފައި ވަނީ އެފްރިކާ އިންނެވެ. އެއީ 1979 ވަނަ އަހަރު އަވަހާރަވި މޮރިޓޭނިޔާގެ ރައީސާއި، 1986 ވަނަ އަހަރު އަވަހާރަވި މޮޒަންބީކުގެ ރައީސާއި، 1994 ގައި އަވަހާރަވި ރުވެންޑާގެ ރައީސާއި، ހަމަ އެ އަހަރު އަވަހާރަވި ބުރުންޑީގެ ރައީސާއި، 2006 ގައި ނައިޖީރިއާގެ ސޮކޯޓޯ ސްޓޭޓުގެ ރަސްގެފާނެވެ.

އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ތިން ޤައުމެއްގެ ރައީސުން އަވަހާރަ ވެފައިވެއެވެ. އެއީ 1957 ގައި ފިލިޕީންސުގެ ރައީސާއި، 1967 ގައި ޢިރާޤުގެ ރައީސާއި، 1988 ގައި ޕާކިސްތާނުގެ ރައީސެވެ. ޔޫރަޕު ބައްރުން ވެސް ތިން ބޭފުޅަކު އަވަހާރަ ވެފައި ވެއެވެ. އެއީ 2004 ގައި އަވަހާރަވި ނޯތު މެސަޑޯނިޔާގެ ރައީސާއި، 2010 ގައި އަވަހާރަވި ޕޮލެންޑުގެ ދެ ރައީސުންނެވެ.

ސަރުކާރުގެ ވެރިންގެ ގޮތުގައި ތިއްބަވަނިކޮށް އަވަހާރަވި އަށް ބޮޑުވަޒީރުންނާއި، އީރާނުގެ ރައީސްއެވެ. އީރާނުގެ ދައުލަތުގެ ވެރިޔަކީ ރޫޙާނީ ލީޑަރެވެ. ޔޫރަޕުން 1936 ވަނަ އަހަރު އަވަހާރަވީ ސްވިޑްންގެ ބޮޑުވަޒީރެވެ. ޕޮލެންޑުގެ ބޮޑުވަޒީރު އަވަހާރަވީ 1943 ގައެވެ. އަދި ޔުގޯސްލަވިޔާގެ ބޮޑުވަޒީރު އަވަހާރަ ވެފައި ވަނީ 1977 ގައެވެ. އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ލެބަނާނުގެ ބޮޑުވަޒީރު އަވަހާރަވީ 1987 ގައެވެ. އަފްޣާނިސްތާނުގެ ބޮޑުވަޒީރަކު އަވަހާރަވީ 1997 ގައެވެ. އަދި އިހައްދުވަހު އަވަހާރަވި އީރާނުގެ ރައީސެވެ. އެފްރިކާގެ ދެ ޤައުމެއްގެ ދެ ބޮޑުވަޒީރުން އަވަހާރަ ވެފައި ވެއެވެ. އެއީ 1959 ގައި އަވަހާރަވި ސެންޓަރަލް އިފްރިކާގެ ބޮޑުވަޒީރާއި، މަޑަގަސްކަރައިގެ ބޮޑުވަޒީރެވެ. އެ މަނިކުފާނު އަވަހާރަވެފައި ވަނީ 1976 ގައެވެ.