ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، އއ. ތޮއްޑޫގައި ކޮޅިގަނޑެއް އައި ވަގުތު މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެ ސަރަހައްދުގައި ތިބި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުންތަކެއް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ އެ ކުންފިން ރޭގައި އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

މީގެއިތުރުން އެ ރަށަށް އައި މި ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެރުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް އެ ކުންފުނީގެ ހިތްވަރުގަދަ މުވައްޒަފުންތަކެއްވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަދި ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި މިކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތި ބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިހުލާސްތެރިކަމާއިއެކު ރައްޔިތުންގެ ހިދުމަތުގައި ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މޫސުމަށް ސަމާލުވުމަށް އެދި ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.