ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2024 ގައި ސީސައިޑް ފިނޮޅު ބާ އަތޮޅު މޯލްޑިވްސް ރިސޯޓަށް ފަހުރުވެރި ކާމިޔާބީތަކެއް ލިބިއްޖެއެވެ.

ތިން ދުވަހަށް ކުރިއަށް ދިޔަ އިވެންޓުގައި ރާއްޖޭގެ އެކި ކަންކޮޅުން ބައިވަރު ހުނަރުވެރި ކައްކާއިން ވަނީ ބައިވެރިވެފައެވެ. ސީސައިޑް ފިނޮޅު މޯލްޑިވްސް ވަނީ އިވެންޓުގެ 13 ކެޓަގަރީއެއްގައި ބައިވެރިވެ, 14 މެޑަލެއް ހޯދައި, އެ ރިސޯޓުގެ ފެންވަރު ދައްކާލާފައެވެ.

ސީސައިޑް ފިނޮޅު މޯލްޑިވްސްއިން އެ އިވެންޓުގައި ބައިވެރިވި ކައްކާއިން ވަނީ ޖުމްލަ ތިން ރަން މެޑަލް, އަށް ސިލްވާ މެޑަލް އަދި ހަތަރު ބްރޮންޒް މެޑަލް ކާމިޔާބު ކޮށްފައެވެ. ސީސައިޑް ފިނޮޅު މޯލްޑިވްސްއަށް މި ވަނަތައް ހޯދަދިން ކައްކާއިންނަކީ ވިޝްވާ މަލްޝަން, ކައުސަރް މިއާ, ޗަމިންދު ލަކްސިތާ, މެގަނަތު ރަމް ކުމާރު, ނިކިތާ, އެޑީ ވަޔަން އަރިސްތާ, ސަންދީޕް ބަންދަރި, ޕެންދަމީދި ޖަގަޑީޝް އަދި ތިލިނާ ފޮނެސްކާއެވެ.

ސީސައިޑް ފިނޮޅު މޯލްޑިވްސް ރިސޯޓު ވަނީ ހޮޓެލް އޭޝިއަން އެގްޒިބިޝަނުގައި ވަނަތައް ލިބުނު ފަރާތަތަކަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ރިސޯޓުގެ މެނޭޖްމަންޓުން ވަނީ ރިސޯޓުގެ މުވައްޒަފުން އެ ރިސޯޓަށް ހޯދަދިން ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޮޑު ހަފްލާއެއް ބާއްވާފައެވެ.