ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖް 2024 ގައި ސަން ޝިޔާމް ވިލު ރީފް ރިސޯޓަށް ބޮޑެތި ކާމިޔާބީތަކެއް ލިބިއްޖެއެވެ.

މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގައި އެކިކަންކޮޅުން ހުނަރުވެރި ކައްކާއިން ވަނީ ބައިވެރިވެފައެވެ. ބައިވަރު ހުނަރުވެރި ކައްކާއިންނާ ވާދަކޮށް ސަން ޝިޔާމް ވިލު ރީފް ރިސޯޓުގެ ޓީމުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

ސަން ޝިޔާމް ވިލު ރީފް ރިސޯޓުގެ ޓީމު ވަނީ ފުޑް ޕްރޮޑަކްޝަން ކެޓަގަރީއިން ދެ ސިލްވާ މެޑަލް, އެއް ބްރޮންޒު މެޑަލް އަދި ދެ މެރިޓް ސެޓްފިކެޓް ވަނީ ހާސިލުކޮށްފައެވެ. އޭގެ އިތުރުން ބެވަރޭޖް ސާވިސް ކެޓަގަރީއިން ދެ ސިލްވާ މެޑަލާއި އެއް ބްރޮންޒް މެޑަލް ވަނީ ކާމިޔާބު ކޮށްފައެވެ.

ސަން ޝިޔާމް ވިލު ރީފް ރިސޯޓުގެ މެނޭޖަރު ތޯހާ ޔޫސުފް ވަނީ އެ ރިސޯޓުގެ ކަލިނަރީ ޓީމުން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. ތޯހާ ބުނި ގޮތުގައި މި ވަނަތަކަކީ އެ ރިސޯޓުގެ ޓީމުން ކަލިނަރީ ދާއިރާއަށް ކުރައްވާ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.