އިސްލާމްދީނުގައި މުސްލިމު ފިރިހެނުންނަށް އަހުލު ކިތަބީންގެ އަންހެނުންނާއި ކައިވެނި ކުރުމަކީ ހުއްދަކަމެކެވެ. އެހެން ނަމަވެސް ޣައިރު މުސްލިމު ފިރިހެނުންނާއި، މުސްލިމު އަންހެނުން ކައިވެނި ކުރުމަކީ ހުއްދަކަމެއް ނޫނެވެ. މިކަން އިސްލާމްދީނާއި މެދު ޝައްކު އުފައްދަން މަސައްކަތް ކުރާ މީހުން ދެކެނީ އެއީ އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ނުވާކަމަށެވެ. މިގޮތަށް އިސްލާމްދީނުގައި ކަނޑައަޅަފައި ވަނީ ކޮން މަޞްލަޙަތެއް އެކަމުގައި އޮވެގެން ކަމެއް އެމީހުން ވިސްނާ ނުލައެވެ. އެހެންނަމަ ވެސް އިސްލާމްދީނުގައި އެގޮތަށް ހަމަޖެހިފައި އޮންނަ ސަބަބު ނުވަތަ އެކަމުގެ ޙަޤީޤަތް ރަނގަޅަށް އެނގޭ ނަމަ އެބައި މީހުންގެ އެ ހީ ކުށް ހީއެއް ކަމާއި، އެކަމުގެ ޙަޤީޤަތެއް ވާކަން އެނގިގެންދާނެއެވެ.

ޝައްކެއްނެތެވެ. އިސްލާމީ ޝަރީޢަތުގެ ކޮންމެ ކަމެއް ވެސް ބިނާވެފައި އޮންނަނީ އޭގައި މަޞްލަޙަތާއި، ޙިކުމަތެއް އެކަމުގައި އެކުލެވިގެންވާ ގޮތަށެވެ. މިކަމަށް އިސްލާމީ ނަޒަރަކުން ބަލާ އިރު، އެއީ ކަނބަލުންގެ ދިފާޢުގައި އެ ކަނބަލުން ރައްކާތެރި މާޙައުލެއްގައި ގެންގުޅުމަށް އެޅިފައި ވާ ހަރުދަނާ ފިޔަވަޅެކެވެ. އެކި ޤައުމުތަކުގައި ދިރިއުޅޭ އެޤައުމެއްގެ ރައްޔިތުން ޙިމާޔަތްކުރުމަށް ބައެއް ފަހަރު އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ ޢާއްމު ކޮށް ޤައުމުތަކުން ކުރާ ކަމެއް ވެސް މެއެވެ. އަދި އެއީ ފަހަރެއްގައި ވެސް ތަފާތުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ނޫނެވެ. ރައްއިތުންގެ މަޞްލަޙަތަށެވެ. އެހެން ކަމުން މިކަމުގެ ޙަޤީޤަތް ވެސް އޮޅުންފިލާފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އިސްލާމްދީނުގައި ޒަވާޖީ ޙަޔާތް ނުވަތަ ކައިވެންޏަކީ ވަރަށް މަތިވެރި ވަރަށް ވަރުގަދަ ޢަޤުދެކެވެ. ވަރަށް މަތިވެރި މަޤުޞަދެއްގެ މައްޗަށް ބިނާވެގެންވާ ވަރަށް މުހިއްމުކަމެކެވެ. އެއީ ރަޙުމާއި އޯގާތެރިކަމުގެ މައްޗަށާއި ނަފުސަށް ހިތްހަމަޖެހުން ގެނަސްދިނުމަށް ކުރެވޭ މީޘާޤެކެވެ. އިސްލާމްދީން ބާރު އަޅާފަ ވަނީ އިސްލާމީ ހަމަތަކުގެ މަތިން ޢާއިލާ ބިނާކުރުމަށެވެ. އިސްލާމްދީނުގައި، ސަމާވީ ދީންތަކުގެ އަހުލުވެރިންނަށް އިޙުތިރާމް ކުރުމަށް ބާރުއަޅައެވެ. އަދި ހުރިހައި ނަބީބެކަލުންނަށާއި، ރަސޫލުބޭކަލުންނަށް އީމާންވުމަށް އަންގަވަފަވެއެވެ. ހަމަ އެ އާއެކު ކައިވެނީގެ ޢަގުދު ދެމެހެއްޓުމަށް ބާރު އަޅާފައި ވަނީ ވެސް އިސްލާމީ ޢަގީދާގެ މަތީގައި އިސްލާމީ ޝަރީޢަތާ އެއްގޮތަށެވެ. އެއްގޮތަކަށް ވެސް އެއީ އިސްލާމީ ޝަރީއަތުން ވަކިކޮށްލެވޭނެ ކަމެއްނޫނެވެ. މުސްލިމުން ޣައިރު މުސްލިމު އަންހެނުންނާއި ކައިވެނި ކުރުމުގައި ވެސް އަމުރު ވެވިގެން ވަނީ އެ ޣައިރު މުސްލިމުންގެ ޢަގީދާއަށާއި އެމީހުންގެ އަޅުކަންކުރެވޭ ތަނަތަނަށް ވެސް އިޙުތިރާމުކުރުމަށެވެ. އިސްލާމީ ނަޒަރަކުން ބަލާ އިރު އަހުލުކިތާބީންގެ އަންހެނަކާއި އިނދެގެން އުޅޭމީހަކަށް ވެސް އެމީހާގެ އަނބިމީހާ އަޅުކަމަށް ހުރަސް އެޅުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫނެވެ.

ކަން މިހެން ހުރުމުން ޣައިރު މުސްލިމަކު މުސްލިމު އަންހެނަކާއި ކައިވެނި ކޮށްފި ނަމަ އެ އަންހެންމީހާގެ ޢަގީދާއަށް އިޙުތިރާމު ކުރުމެއް ނެތުމުގެ ސަބަބުން އޭނަގެ އިސްލާމީ ޢަގީދާގެ މަތީގައި ދެމިހުރުމަށް ހުރަސްއެޅި އޭނަގެ ދީނީ މިނިވަންކަމަށް އޮންނާނީ ހުރަސް އެޅިފައެވެ. ސަބަބކީ މުސްލިމުން، އެހެން ދީންތަކުގެ އަހުލުވެރިންނަށް (ޣައިރު މުސްލުމުންނަށް) ރިޔާޢަތް ކުރުމަށް އިސްލާމްދީނުގައި އަންގަވާފައި ވީ ނަމަވެސް އެހެންދީނަތަކުގެ އަހުލުވެރިންނަކީ އިސްލާމްދީން ގަބޫލުކުރާ ބައެއް ނޫނެވެ. އަދި އިސްލާމްދީނަށް އެއްވެސް ޙުރުމަތެއް ނުބައްޓައެވެ. ބައެއް ޙާލަތުގައި އެ ދީނަށް ފުރައްސާރަކޮށް މަލާމާތު ކޮށް ހަދާބައެކެވެ. އަދި މުސްލިމުންގެ ނަބިއްޔާ މުޙައްމަދުގެ ފާނަށް އީމާންވާ ބައެއް ނޫނެވެ. އެ މީހުން ދެކޭގޮތުގައި މުސްލިމުންގެ ނަބިއްޔާ މުޙައްމަދުފާނަކީ ޙަޤީޤީ ނަބިއްޔެއް ނޫނެވެ. އިސްލާމްދީނުގައި އިންސާނުން ނަށް ގެއްލުންވާ ކަންތައްތައް މަނާ ކުރާތީ އިސްލާމްދީނުގައިވާ ކޮންމެ ކަމަކީ ބުހުތާން ދޮގުކަމަށް މީހުންނަށް ދެއްކުމަށް ތަފާތު ގޮތްގޮތަށް ދޮގުހަދައިގ އިސްލާމް ދީނުގައިވާ ކަންތައްތައް އޮޅުވަލުމަށް މަސައްކަތް ކުރެއެވެ.

އެމީހުންގެ ޢަމަލުތައް މި މޭރުމުން ހުންނާތީ މުސްލިމު އަންހެނަކު ޣައިރުމުސްލިމު ފިރިހެނަކާއި ކައިވެނިކޮށްފި ނަމަ އެ އަންހެނެއްގެ އިޚުތިޔާރާއި އަމިއްލަވަންތަ ކަން ނުވަތަ ޤަބޫކުރާ ޢަޤީދާއަށް ޢަމަލު ކުރުމުގެ ބާރު ގެއްލި، އިސްލާމްދީން ދޫކޮށް ފިރިމީހާގެ ދީނަށް ތަބަޢަ ވާން މަޖުބޫރުވެއެވެ.

މީގެ އެހެން މިސާލަކެވެ. މުސްލިމުންގެ ގޮތުގައި ތިބޭ، ދީނުގެ ކަންކަމަށް ފަރުވާ ނު ބަހައްޓާ ނަމާދުކުރުން ފަދަ ކަންކަމަށް ފަރުވާކުޑަ މީހުންނާއި، އިނދެގެން އުޅޭ އަންހެނުންނަށް މާތްﷲ އަށް އަދާކުރަން ޖެހޭ ވާޖިބުތަކާއި، ޙައްޤުތައް އަދާކުރުމަށް ވެސް ދަތިވެއެވެ. އަބަދު ފިރިންގެ ޚިދުމަތުގައި އުޅެންޖެހޭތީ އެފަދަކަމެއް ކުރުމުގެ ފުރުސަތު ނު ލިބެއެވެ. ބައެއްފަހަރު ރޯދަމަހު ދުވާލު ރޯދައަށް ހުރެފި ނަމަވެސް އެކަން އޮންނަނީ ބޮޑުކަމަކަށް ވެފައެވެ. އެހެނިހެން އަޅުކަމުގެ ޙަލަތުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކުމެވެ.

އެފަދަމީހުންކުރާ ކޮންމެ ޙަރާމްކަމެއްގައި ބައިވެރިވުމަށް ދަޢުވަތުދެއެވެ. އަދި ޖަހާ ކޮންމެ ސަކަރާތެއްގައި އަނިބިމީހާ ބައިވެރި ވުމަށް މަޖުބޫރުކުރުވާ މީހުން ވެސް އުޅެއެވެ. ބައެއްފަހަރު ޢައުރަ ނިވާކުރުން ފަދަ ކަންތައް ވެސް މަނާކުރެއެވެ. އަނެއް ބައި ފަހަރަށް ރޭއަޅުކަން ކުރުމާއި ފަތިސް ނަމާދަށް ހޭލުން ވެސް އެމީހުންނަށް ނިދަން އުނދަގޫވާ ކަމެއްގެ ގޮތުގައި ވުމުން އެކަން ހުއްޓާލަން ޖެހެއެވެ. އެހެން ނަމަވެސް ރޭގަނޑުގެ ގިނަވަގުތު މުންކަރާތްތަކަށް އަރައިގަތުމާއި، ފާޙިޝް ކަންތަކުގައި ހޭދަކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މިއީ ޙަޤީޤަތުގައި ވެސް ދިމާވެފައި ހުރި ޙާދިޘާތަކެކެވެ. މިދެންނެވީ މުސްލިމުންގެ އައި ޑެންޓިޓީ ނުވަތަ މުސްލިމް ޤައުމިއްޔަތުގައި ތިބޭ ބައެއްގެ ވާހަކައެވެ. މުސްލިމު ނޫން މީހުންގެ ކަންތައް ހުންނާނެގޮތާ މެދު ވިސްނާލުން މުހިންމެވެ. އިސްލާމްދީނުގައި އަންގަވާފަވާ އެއްވެސް ކަމަކީ އެމީހުންގެ ނަޒަރުގައި ކުރަން ނުޖެހޭ ކަންތަކަށްވާ އިރު އެމީހުންގެ އަނބިން ލައްވައި އެކަމެއް ކުރުވަން ހުއްދަ ދޭނެ ހެއްޔެވެ.

މުސްތަހީލުކަމަކަށް ނޫނީ ނުވާނެއެވެ. ފަޟީލަތުއްޝައިޚު ޑޮކްޓަރ ޔޫސުފުލްޤަރްޟާވީ ވިދާޅުވެފައި ވެއެވެ. އެއްވެސް މުސްލިމު އަންހެކަށް ޣައިރު މުސްލިމު ފިރިހެނަކާއި ކައިވެނި ކުރުމުގެ ހުއްދަ ލިބިގެން ނުވެއެވެ. އަދި މިކަމުގައި އިތުރު ބަޙުޘެއް ކުރުމުގެ ޖާގަ އެއްވެސް ނެތެވެ. އެހެނީ އެއީ ﷲ ގެ އަމުރުފުޅުއެވެ. އޭގެ ޙިކުމަތް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ. ﷲގެ ވަޙީ ބަސްފުޅުގެ މާނާގައި ވެއެވެ. "ބުދަށް އަޅުކަންކުރާ އަންހެނުންނާ ތިޔަބައިމީހުން ކާވެނި ނުކުރާށެވެ! (އެއީ) އެކަނބަލުން އީމާންވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުން ހިތާވާ ކަމުގައިވިޔަސް ހަމަކަށަވަރުން މުއުމިން އަޅު އަންހެނަކު ވެސް، ބުދަށް އަޅުކަންކުރާ އަންހެނަކަށްވުރެ މާރަނގަޅެވެ. އަދި (މުއުމިން އަންހެނުން) ބުދަށް އަޅުކަންކުރާ ފިރިހެނުންނާ ތިޔަބައިމީހުން ނުދެވާށެވެ! (އެއީ) އެއުރެން އީމާން ވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުން އެމީހަކާ ރުހި ޤަބޫލު ވިޔަސް، ހަމަކަށަވަރުން މުއުމިން ފިރިހެން އަޅަކުވެސް ބުދަށް އަޅުކަންކުރާ ފިރިހެނަކަށްވުރެ މާރަނގަޅެވެ. އެއުރެން އެ ގޮވަނީ ނަރަކަޔަށް ވަނުމަށެވެ. ﷲ ގޮވައިލައްވަނީ އެކަލާނގެ އިރާދަފުޅުން ތިޔަބައިމީހުން ސުވަރުގެއަށާއި މަޣްފިރަތުގެ ތެރެއަށް ވަނުމަށެވެ. އަދި އެކަލާނގެ އާޔަތްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަނީ އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ."