މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އިސްލާމީ މިނިސްޓްރީން ވިދާޅުވެފައިވަނީ އިއްޔެއިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަކީ ދިވެހި ރުފިޔާއިން 9353.40 ރުފިޔާ ކަމަށެވެ.

މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅާފައިވެއެވެ. ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް ސަރުކާރުން ވަނީ ހުޅުވާފައެވެ.

މިއަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ނިސާބަކީ 7،140ރުފިޔާއެވެ.