މުރަކަ އާއި ގާ ހުދުވުމުގެ މައްސަލަ ބެލުމަށް ސާވޭއެއް ފަށައިފިކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ސޯޝަލް މީޑިއާ ޕްލެޓްފޯރމް އެކްސްގައި ބުނެފިއެވެ.

ކަނޑުގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ގާ ހުދުވުމުގެ މައްސަލަތައް ރާއްޖޭ އަދި ދުނިޔާގެ އެކި ހިސާބުތަކުގައި ދަނީ އިތުރުވަމުންނެވެ. ފާއިތުވި އަހަރުތަކުގައި މުރަކަ ބްލީޗިންގެ މައްސަލަތައް އިތުރުވެފައިވާކަން އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ބިން ހިއްކުމާއި ގޮނޑުދޮށް ނަރިޝްމަންޓު ކުރުމުގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަކީ ރީފް ރިޖެނެރޭޝަން އިތުރަށް ލަސްވެދާނެ ކަމެއް ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ. އަދި ބައެއް ޕްރޮޖެކްޓް އޮޕަރޭޓަރުން ސްޓްރެޓެޖިކް ގޮތުން ހަރުދަނާ ކޮށް ތަންފީޒު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ނުކުރާ ކަމުގެ ޝަކުވާތައް އެ އެޖެންސީން ދަނީ އިތުރަށް ބަލަމުންނެވެ.

މީގެ އިތުރުން އީޕީއޭއިން ވަނީ "މާސް ކޮރަލް ބްލީޗިންގ އިވެންޓް" ގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވަރަށް ފުޅާދާއިރާއެއްގައި ކުޑަކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ގޮނޑުދޮށް ތަރައްޤީކުރުމުގެ ބޮޑެތި މަޝްރޫޢުތަކާއި ބިން ހިއްކުމުގެ މަސައްކަތްތައް 10 ޖޫން 2024 ގެ ނިޔަލަށް ވަގުތީ ގޮތުން މެދުކަނޑާލުން ވަނީ އަންގާފައެވެ. ނަމަވެސް ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ. ބިން ހިއްކުމާއި ވެލި ނެގުމާއި ގޮނޑުދޮށް ތަރައްގީ ކުރުމާއި ރީފް ޕައިޕްލައިން، ކޭބަލް އަދި ބަންޑް ވޯލް އެޅުން ފަދަ މަސައްކަތްތައް ހުއްޓާލުމަށް އީޕީއޭ އިން ވަނީ އެދިފައެވެ.

ގާ ހުދުވުމަށް ރާއްޖެ މިހާރު އޮތީ "އެލާޓް ލެވެލް ވަން" ގައި ކަމަށާއި އެކި ސަރަހައްދުތަކުން ގާ ހުދުވުމުގެ ރިޕޯޓްތައް އަންނަ ކަމަށް އީޕީއޭއިން ބުނެއެވެ.