ދަރިފުޅު ގޮވައިގެން ސުކޫލު ދޮށަށް އިއްޔެ ދިޔައިރު އެ ދަރިފުޅުގެ ފައިގައި ސިގެރޭޓް ފިލިޓަރަކުން ނުޖެހުނީ ހަމަ ކިރިޔާއެވެ. ޕޭވްމަންޓުން ހިނގާފައި ދިޔައިރު ދެމައިން ކައިރީގައި އައިސް ޖެހުނު ސިގިރެޓްބުރި އޮތީ ދުން އަރަ އަރައެވެ.
ދަރިފުޅު ބިރުން ބައްދާލައިފައި ބުންޏެވެ. މަންމާއެވެ. އެ އޮތީ "ފަޔަރ" އެވެ. ކޮއްކޮ ގައިގައި ނުޖެހުނީ ހަމަ ކިރިޔާއެވެ. އޭރު ޕޭވްމަންޓާ އެންމެ ކައިރީގައި ހުރި ރެސްޓޯރެންޓް ތެރޭގައި ތިބި މީހުން އަހަރެމެން ދެމައިންނާ ދިމާއަށް ހެވިފައި ބަލަން ތިއްބެވެ. ކުރާނެ ކަމެއް ނެތެވެ. ބުނެވޭނެ އެއްޗެއް ނެތެވެ. އެމީހުން އެތިބީ އެކަން ކުރުމަށް ލައިސަންސް ދީފައިވާ ތަނެއްގައެވެ.
މިއީ މާލޭގެ ކާރޫބާރޫ ބޮޑު މަގެއްގައި ހުރި ރެސްޓޯރެންޓަށް ދާ މީހުންގެ ޢަމަލުތައް ހުންނަ ގޮތެވެ. މިމަގަކީ ސުކޫލުތައް އެހާ ގިނަ މަގެކެވެ. ނަމަވެސް ބެލުމެއް ނެތި މަގުމައްޗަށާއި ޕޭވްމަންޓް މައްޗަށް ސިގިރޭޓް ފިލިޓަރު އުކަމުންދާ މީހުނަށް މިކަން މަނާ ކުރާނެ ފަރާތެއް ނެތެވެ. މީހަކު ރިޕޯޓް ނުކުރިޔަސް މި ކަންތައްތަކަކީ މަނާކުރެވިފައިވާ ކަންތައްތައް ކަމަށް ވާންޖެހެއެވެ. މި ފަދަ ހާދިސާތައް ދިމާވާނެ އެތައް ބަޔަކު ތިބޭނެކަން ކަށަވަރެވެ.
މި ހާދިސާ ފޭސްބުކުގައި ހިއްސާކުރުމުން މިފަދަ ހާދިސާތައް ދިމާވެފައިވާ މީހުން އެމީހުން ކޮށްފައިވާ ތަޖުރިބާތައް ހިއްސާ ކުރިއެވެ. އެކަކު ބުނެފައި އޮތެވެ. "އަހަރެންގެ ދަރިފުޅު ގޮވައިގެން އޭޑީކޭ ހޮސްޕިޓަލް ކައިރީ ހުއްޓާ އެތާ ނުކުންނަ މަގުގައި ސިގިރޭޓް ބޯން ހުރި މީހެއްގެ ސިގިރޭޓް ބުރިން ޖެހި ދަރިފުޅުގެ އަތް ފިހުނު" ކަނަށެވެ. މައިމީހާ ހުންނާނީ ޓެކްސީއެއް ފެނޭތޯ މަގުގެ ދެކޮޅު ބަލާށެވެ. ފިލިޓަރު އެއްލައިލާލާ މީހާ ބަލާ ނުލާ އެއްލާލުމުން ކުއްޖަކު ނޫނީ ބޮޑު މީހެއްގެ ގައިގައިވެސް ޖެހިދާނެއެވެ. އެހެން މީހަކު ލިޔެފައި ވެއެވެ. "މަގުމަތީގައި ސިގިރޭޓް ބުއިން މަނާކޮށްފައިވާނީ ކިހިނެއް ކަމެއްނޭނގެ. އެއްދުވަހަކު މަގުމަތީގައި ހިނގާފައި ދިޔައިރު ކައިރިން ދިޔަމީހާގެ އަތުގައި އޮތް ސިނގިރޭޓް ބުރިން ޖެހި ހެދުން ވިރުނު" މިއީ މަދު ބަޔަކު ހިއްސާ ކުރި ހާދިސާ ތަކެއް ކަމަށް ވިޔަސް އެތައް ބަޔަކަށް މިކަމުގެ ތަކުލީފު އުފުލަން ޖެހިފައިވާނެކަން ކަށަވަރެވެ.
ސިގެރޭޓް ބުއިމުގެ ހުއްދަދޭ ކެފޭތަކާއި ރެސްޓޯރެންޓްތަކަށް ހުއްދަ ދޭއިރު މިކަންތައް މަނާކޮށްފައި އޮންނަންވާނެ ކަމަށް ދެކެމެވެ. އޮންނާނެވެސް މެއެވެ. ނަމަވެސް އެކަން ކުރިޔަސް ފިޔަވަޅެއް ނާޅައި އެ މީހުން ސިގިރޭޓް ފިލިޓަރު ކިތަންމެ ވަރަކަށް މަގު މައްޗައް އުކިޔަސް ރެސްޓޯރެންޓުންވެސް އެކަން މަނާ ނުކުރާހާ ހިނދަކު މިކަމެއް ނުހުއްޓޭނެއެވެ. މިއީ ހަޤީގަތެއްކަން އެނގޭނީ އެންމެ ރެސްޓޯރަންޓަކުން ވެސް މަގުމައްޗައް އުކާފައިވާ ސިނގިރޭޓް ފިލިޓަރުގެ އަދަދު ގުނައިލުމުންނެވެ.
ހަމަ އެކަނި ސުލޫލުތަކުގެ ކުރިމަތީގައި ހުންނަ ކެފޭ ރެސްޓޯރެންޓް ތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރުމަކުން ނުފުދެއެވެ. މަގުތަކަށް އެ އުކާލާ ސިނގިރޭޓް ބުރިތައް އުކާލުން ހުއްޓުވަން ޖެހެއެވެ. އެ ގޮތަށް ޢަމަލު ނުކުރާ ފަރާތްތައް ޖޫރިމަނާކޮށް އެފަދަ ރެސްޓޯރެންޓްތައް ބަންދު ކުރަންވެސް ޖެހެއެވެ. ނޫންނަމަ މި މުޖުތަމަޢު ދުމުންނާއި ސިގިރެޓް ފިލިޓަރުން ސަލާމަތެއް ނުކުރެވޭނެއެވެ.