ބާސެލޯނާ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅެން ކަމަށް ޕޮލޭންޑުގެ ތަޖުރިބާކާރު ސްޓްރައިކަރު ރޮބާޓް ލެވަންޑޮސްކީ ބުނެފިއެވެ.

ލެވަންޑޮސްކީ މިހެން ބުނެފައިވަނީ, ބާސާއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން ސަލާމަތްވުމަށް ލެވަންޑޮސްކީ ވިއްކާލާނެ ކަމަށް އެތައް ބަޔަކު ލަފާކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ގޮތަށް ހަބަރު ފެތުރެމުންދާތީ ލެވަންޑޮސްކީ ވަނީ އޭނާ ދެން އަންނަ ސީޒަނުގައި ވެސް ބާސާއިން ފެނިގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

"އަހަންނަށް ވަރަށް ސާފު އަހަރެން ބޭނުންވާ ގޮތް. އަހަރެން ބޭނުންވަނީ ވީހާ ވެސް ގިނަ ދުވަހަކު މި ކްލަބަށް ކުޅެދީ ކާމިޔާބީއާ ހަމައަށް މި ކްލަބު ވާސިލުކުރުން. މި ކްލަބު ކާމިޔާބުގެ މަގަށް އަޅުވަން އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރަން. މި ކްލަބަކީ އަހަރެންގެ ހިތުގައި ވަރަށް މަތީ މަގާމެއް ދެވިފައިވާ ކްލަބެއް" ކުރިއަތް އޮތް ޓްރާންސްފާ ސީޒަނުގައި އެހެން ކްލަބަކަށް ދާނެތޯ އެހުމުން ލެވަންޑޮސްކީ ބުންޏެވެ.

މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ ބާސާއަށް 2022 ވަނަ އަހަރު 50 މިލިއަން ޑޮލަރުގެ އަގަކަށް ބަޔާން މިއުނިކުން ގުޅުނު ލެވަންޑޮސްކީ ވަނީ އެ ކްލަބަށް 94 މެޗު ކުޅެދީ 58 ލަނޑު ކާމިޔާބު ކޮށްފައެވެ. ކްލަބުގައި ހޭދަކުރި ދެ އަހަރު ތެރޭގަައި ލެވަންޑޮސްކީ ވަނީ ބާސާއާއެކު ސުޕާ ކޮޕާ, ޕިޗީޗީ ޓްރޮފީ އަދި ލަލީގާ ކާމިޔާބު ކޮށްފައެވެ.