ފިރިހެނުންގެ 1500 މީޓަރ ލޯންގްކޯސް ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ. އަދި 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިންވެސް އާކޮއްފައިވެއެވެ.

މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރިހާން ބައިވެރިވެ 1500 މީޓަރ ލޯންގްކޯސް ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 18.03.57 އިން ރޭސް ފުރިހަމަކުރުމަށްފަހުއެވެ.

1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައި 19.26.54 އިން ރޭސް އިން ރޭސް ނިންމައިގެން، މުބާލް ޢައްޒާމް އިބްރާޙީމެވެ.

100މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން މި ބުބާރާތުގައި އާކޮއްފައިވެއެވެ. އާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 00.54.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މީގެ އިތުރުން، އާން ވަނީ މިއިވެންޓުން ފައިނަލް ސީ އަށްވެސް ދަތުރު ކޮށްފައެވެ. ފައިނަލްގައި އާންގެ ރޭހުގެ ވަގުތަކީ 00.54.75 އެވެ.

100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. އާން އެފަހަރު ޤައުމީ ރެކޯޑު އާކޮށްފައިވަނީ 00.55.11 އިން ރޭސް ނިންމާލުމަށްފަހުއެވެ.