ބާސެލޯނާގެ އާ ކޯޗުގެ ގޮތުގައި ހާންސީ ފްލިކު ހަމަޖައްސައިފިއެވެ.

އިތުބާރުހުރި ޖާނަލިސްޓު ފަބްރީޒިއޯ ރޮމާނޯ ސޯޝަލް މީޑިއާއަށް އާއްމު ކުރި ޕޯސްޓެއްގައި ވަނީ ބާސާގެ ކޯޗަށް ވާން ފްލިކް އެއްބަސްވެފައިވާކަން ހާމަކޮށްފައެވެ. ބާސާއިން ފްލިކްއަށް ހުށައެޅި ދެ އަހަރުގެ ކޮންޓްރެކްޓަށް ފްލިކްގެ އިތުރުން އޭނާގެ އޭޖެންޓު ޕީނީ ޒަހަވީ ވެސް ވަނީ އެއްބަސްވެފައެވެ.

ފްލިކް ބާސާއާ ގުޅޭއިރު އޭނާއާއެކު ޖަރުމަނުގެ ދެ އެސިސްޓެންޓުން ގެނައުމަށް ވަނީ ހަމަޖެހިފައެވެ. 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާ ކޮންޓްރެކްޓެއްގެ މަތިން ފްލިކް ބާސާއާ ގުޅުނީ ދާދި ފަހުން ކްލަބުގެ ކޯޗުގެ މަގާމުން ވަކި ކުރި ޒަވީ ހާނަންޑޭޒްގެ ބަދަލުގައެވެ.

ޒަވީ ވަނީ މި ސީޒަން ނިމުމުގެ ކުރިން ބާސާ ދޫކޮށްލާނެ ކަން އިއުލާނުކޮށްފައެވެ. މި އަހަރުގެ ކުރީ ކޮޅު އެކަން އިއުލާނުކުރި ކަމުގައިވިއަސް ބާސާގެ ބޯޑުގެ އެދުމުގެ މަތިން ޒަވީ ވަނީ ބާސާގައި މަޑު ކުރަން ނިންމާފައެވެ. ނަމަވެސް ބާސާގެ ބޯޑާއި ޒަވީއާ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން ބާސާ ވަނީ ޒަވީ މަގާމުން ވަކިކޮށްފައެވެ.

ބާސާގައި ހޭދަކުރި ދެ އަހަރުގައި ކުޑަ ކުޑަ ބަޖެޓެއްގެ މަތީގައި ހުރެ އެ ކްލަބަށް ލަލީގާ އާއި ސުޕާކޮޕާ ކާމިޔާބު ކޮށްދިން ޒަވީ ކޯޗު ކަމުން ވަކި ކުރުމުން އެތައް ބަޔަކު އަންނަނީ ބާސާއަށް ފާޑު ކިޔަމުންނެވެ. ޒަވީ އަކީ ބާސާއަށް ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އެތައް އަހަރެއް ވަންދެން ހިދުމަތް ކުރި ފަރާތަކަށްވި ކަމުގައިވިއަސް ބާސާއިން އޭނާއަށް އަމަލުކުރި އިހާނަތްތެރި ގޮތް ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ.