އެފްއޭ ކަޕުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި އަވަށްޓެރި މެންޗެސްޓާ ޔުނައިޓެޑު ވާދަކުރަން ޖެހިއްޖެއެވެ.

އެފްއޭ ކަޕުގެ ފައިނަލަށް ނިކުންނަން ދެ ޓީމުން ވެސް ތައްޔާރީތައް ވަމުން އަންނަ އިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ މިދިޔަ އަހަރުގެ އެފްއޭ ކަޕުގެ ފައިނަލުގައި ވެސް ވާދަކުރީ މި ދެ ޓީމު ކަމެވެ. މި ދިޔަ ސީޒަނުގައި ތާރީހީ ޓްރެބެލްއެއް ކާމިޔާބު ކުރި ސިޓީ ވަނީ 2-1 އިން ޔުނައިޓެޑު ބަލިކޮށްފައެވެ. ޔުނައިޓެޑުން މި އަހަރުގެ ފައިނަލަށް ނިކުންނާނީ މި ދިޔަ އަހަރު ސިޓީ އަތުން ބަލިވި ފައިނަލަށް ބަދަލު ހިފުމުގެ ރޫހުގައެވެ.

ފައިނަލުގެ ކުރިން ސިޓީއަށް ބަލާލާއިރު އެ ޓީމު އޮތީ ނުރައްކާތެރި ފޯމެއްގައެވެ. ދާދި ފަހުން ޖެހިޖެހިގެން ހަތަރު ޕްރިމިއާ ލީގު ކާމިޔާބު ކޮށް ތާރީހު ހަދާފައިވާ ސިޓީ ވަނީ އެ ޓީމު އެންމެ ފަހުން ކުޅުން ހަތް މެޗު ވެސް ކާމިޔާބު ކޮށްފައެވެ.

ސިޓީ އެންމެ ފަހުން ބަލިވެފައިވަނީ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން ޕެނަލްޓީ ޖަހައިގެންނެވެ. ނުވަދިހަ މިނެޓަށްފަހު ނިމުނު މެޗަކުން ސިޓީ މި އަހަރު ބަލިވެފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ނުރައްކާތެރި ފޯމެއްގައި އޮތް ސިޓީއަށް މި އަހަރުގެ އެފްއޭ ކަޕު ކާމިޔާބު ކުރެވިއްޖެނަމަ އެ ޓީމު ވެގެންދާނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕު ޖެހިޖެހިގެން ދެ ސީޒަނުގައި ކާމިޔާބު ކުރި ފުރަތަމަ ޓީމަށެވެ.

ޔުނައިޓެޑަށް ބަލާލާއިރު އެ ޓީމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ސީޒަން ފެށުނުކޮޅު ލީގުގެ ގަދަ ހަތަރަކަށް އެރުމަށް މަސައްކަތް ކުރަމުން ދިޔަ ޔުނައިޓެޑަށް ސީޒަން ނިންމާލެވުނީ އަށްވަނައިގައެވެ. ޔުނައިޓެޑު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅު ވެވިފައިވަނީ އެންމެ ދެ މެޗުންނެވެ. ޔުނައިޓެޑު މި ފައިނަލަށް ނިކުންނައިރު އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑު ވާދަކުރާ ފޯރިގަދަ އެފްއޭ ކަޕުގެ ފައިނަލު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 19:00 ގައެވެ. މި ވާދަވެރި ފައިނަލު ކުޅެވިގެންދާނީ ވެމްބްލީ ސްޓޭޑިއަމްގައެވެ.