ގައްޒާގެ ރަފާހުގައި އިޒްރޭލުން ކުރިއަށް ގެންދާ މިލިޓަރީ ހުރިހާ އޮޕަރޭޝަނެއް ހުއްޓާލުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ އެންމެ މަތީ ކޯޓު ކަމުގައިވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލަށް އަމުރުކޮށްފިއެވެ.
ރަފާހަށް އަރަން އިޒްރޭލުން ނިންމި ފަހުން އެ ގައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫއެންއަށް ގޮވާލަމުން އަންނަ ފަރާތްތަކުގެ އަޑު ވަނީ އިތުރަށް ގަދަވެފައެވެ. މި ހަފްތާގެ ތެރޭގައި އެކަނި ވެސް ޔޫރަޕުގެ ތިން ގައުމަކުން ވަނީ ފަލަސްތީނު އަމިއްލަ ސްޓޭޓެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އިއުލާނުކޮށްފައެވެ.
އައިސީޖޭއިން އިޒްރޭލަށް ރަފާހުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އަމުރުކުރި ކަމުގައިވިއަސް އެ އަމުރާ އެއްގޮތަށް ކަންކަން ކުރާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. އިޒްރޭލުން ވަނީ ދާދި ފަހުން ސައުތު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ހުށައެޅި ނަސްލު ނައްތާލަން މަސައްކަތް ކުރާ ކަމުގެ ކުށަށް އެއްބަސްވާން ވެސް ދެކޮޅު ހަދާފައެވެ.
"ސައުތު އެފްރިކާގެ ފަރާތުން އިޒްރޭލާ ދެކޮޅަށް ހުށައަޅާފައިވާ ނަސްލު ނައްތާލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތެއް" ނެތަންޔާހޫގެ ސަރުކާރުން ސައުރު އެފްރިކާގެ ތުހުމަތުތައް ދޮގުކުރާކަން ހާމަކުރަމުން ބުންޏެވެ.
ނެތަންޔާހޫގެ ސަރުކާރުން ރަފާހުގައި ކުރަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލަން ދެކޮޅު ހަދަމުންދިޔަ ކަމުގައިވިއަސް, އިޒްރޭލުގެ ފަރާތްތަކުން ވެސް އަންނަނީ ރަފާހުގައި ކުރަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް ނެތަންޔާހޫއަށް ގޮވާލަމުންނެވެ. އިޒްރޭލުން ރަފާހަށް އެރި ފަހުން ވަނީ 1200 މީހުން ޝަހީދުކޮށް, 250 މީހުން ހައްޔަރުކޮށްފައެވެ. އާއްމު ރައްޔިތުންނަށް އަމާޒުނުކުރާ ކަމަށް ތަކުރާރުކޮށް ނެތަންޔާހޫ ބުނަމުން އަންނަ ކަމުގައިވިއަސް ރަފާހުގައި ޝަހީދު ކޮށްލާފައިވާ ގިނަ ފަރާތްތަކަކީ ހަނގުރާމައާ ގުޅުމެއް ނެތް އާއްމު ރައްޔިތުންނެވެ.