ސީ ޕްލޭން ޓާމިނަލް ފުލްމޫން ރިސޯޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އިގްތިޞާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ސީ ޕްލޭން ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލުކުރަން ނިންމާފައިވާކަން ވަޒީރު ހާމަ ކުރެއްވީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މިހާރުގެ ސީޕްލޭން ޓާމިނަލް ޖެޓް ޓާމިނަލަކަށް ބަދަލުކޮށް، ސީޕްލޭން އޮޕަރޭޝަން އާއި ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ސީ ޕްލޭން ޓާމިނަލް ބަދަލުކުރައްވަން ސަރުކާރުން ނިންމީ މިހާރު އޮތް ޓާމިނަލްގައި ބޭނުންވާ ވަރަށް ޖާގަ ނެތުމުންނެވެ. އަދި މިހާރު ޓާމިނަލް އޮތް ސަރަހައްދު ހިއްކާ އެތާގައި ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ އިތުރު ކުރުމަށް ވަނީ ނިންމަވާފައެވެ. ވަޒީރު ސައީދު ވިދާޅުވީ ފުލް މޫން ރިސޯޓުގައި ހެދޭ ސީޕްލޭން ޓާމިނަލްގެ ޖާގަ މާ ބޮޑުވާނެ ކަމަށެވެ. މީގެ އިތުރަށް ވަޒީރު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަކީ ދުވަހަކުވެސް ނިމޭނެ މަޝްރޫއު ތަކެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ކުރިއެރުމާއި އެއްވަރަށް އެއާޕޯޓުތައް ވެސް އަންނާނީ ތަރައްގީވެ ބަދަލު ވަމުން ކަމަށެވެ.