ފަލަސްތީނުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސަބަބުން ބައިނަލްއަގްވާމީ ފުޓްބޯޅައިން އިސްރާއީލު ސަސްޕެންޑް ކުރުމަށް ފަލަސްތީނުން ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ޖުލައި މަހުގެ 25 ވަނަ ދުވަހު ކައުންސިލް ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފިއެވެ. އަދި މީގެ ކުރިން ފީފާއިން މިނިވަން ގާނޫނީ ލަފާ ހޯދާނެކަަން ހާމަކޮށްފިއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފީފާގެ ކޮންގްރެސްގައި މި ޕްލޭން ބަޔާންކުރެއްވީ އެސޯސިއޭޝަންތަކުގެ ގޮތުގައި 211 މެމްބަރެއްގެ ކުރިމަތީގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފަލަސްތީނާއި އިސްރާއީލުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުގެ މަންދޫބުންނަށް ލިބުމުންނެވެ.

ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ހުށަހެޅުންތަށް ފީފާގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް މިނިވަން ގާނޫނީ މާހިރުން އެ ތިން ރިކުއެސްޓް އެނަލައިޒް ކުރާނެ ކަމަށެވެ. މި ގާނޫނީ އެސެސްމަންޓުގައި ފަލަސްތީނާއި އިސްރާއީލުގެ އެސޯސިއޭޝަންތަކުގެ އިންޕުޓް އޮންނާނެއެވެ. އަދި ނަތީޖާ އާއި ރެކޮމެންޑޭޝަންތައް ފީފާ ކައުންސިލަށް ހުށަހަޅާނެ ކަމަށް އިންފެންޓީނޯ ވިދާޅުވިއެވެ. ހާލަތު ގޯސްވެފައިވާތީ މި ހޯދުންތައް ދިރާސާކޮށް އެކަށީގެންވާ ނިންމުންތަކެއް ނިންމުމަށް ފީފާގެ ކައުންސިލް ބައްދަލުވުމެއް ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ބާއްވާނެކަމަށް އިންފެންޓީނޯ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ފުޓްބޯލް އެސޯސިއޭޝަންގެ ހުށަހެޅުއްވުމުގައި ވަނީ "ފަލަސްޠީނުގައި ޚާއްޞަކޮށް ޣައްޒާގައި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލުތައް ހިންގާކަން" ފާހަގަކުރައްވައި، އިންސާނީ ޙައްޤުތަކާއި، ތަފާތުކުރުންތަކާ ދެކޮޅަށް ފީފާގެ ޤާނޫނީ ވަޢުދުތައް ފާހަގަކުރައްވާފައެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ލިޔެފައިވާ ގޮތުގައި "އަލް ޔަރްމުކްގެ ތާރީހީ ސްޓޭޑިއަމް ހިމެނޭ ގޮތަށް ޣައްޒާގެ ފުޓްބޯޅައިގެ ހުރިހާ އިންފްރާސްޓްރަކްޗާއެއް އެއްކޮށް ސުންނާފަތިވެ، ނުވަތަ ވަރަށް ބޮޑަށް ހަލާކުވެފައިވާ" ކަމަށާއި އަލްޖީރިއާ، އިރާގު، އުރުދުން، ސީރިއާ އަދި ޔަމަނުގެ ފެޑެރޭޝަންތަކުން އެ ގަރާރަށް ތާއީދު ކުރާ ކަމަށެވެ.