މިއަހަރުގެ އަޟްހާ އީދު (ބޮޑު އިީދު) ގައުމީ ފެންވަރުގައި ފާހަގަކުރާނެ ރަށްތައް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ސަރުކާރުން ކުރި އިއުލާނާ އެއްގޮތަށް 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅިއެވެ. އެއީ އުތުރުން ހަތް ރަށަކާއި، މެދު ރާއްޖެތެރެއިން ދިހަ ރަށެއްގެ އިތުރުން ދެކުނުން ނުވ ރަށަކުންނެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި ވަނީ ކަނޑައެޅި ރަށްތައް އިއުލާންކޮށްފައެވެ.

އެ ރަށްތަކަކީ:

  • މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު
  • ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ
  • ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި

މި ރަށްތައް ކަނޑައެޅުމުގައި ބަލާފައި ވަނީ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ހަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނޭކަން ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަމަހުގެ 17 ވަނަ ދުވަހެވެ.