ސްޕެނިޝް ލަލީގާގެ ފަހު މެޗުގައި ސެވިއާ އަތުން 2-1 އިން ބާސެލޯނާ މޮޅުވެއްޖެއެވެ.
ސެވިއާގެ ދަނޑުކަމުގައިވާ ރެމޮން ސަންޗޭ ޕިޖުއާން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ބާސާއެވެ. މި ލަނޑަކީ މެޗުގެ 15 ވަނަ މިނެޓުގައި ބާސާގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ބާސާއިން ލީޑު ނެގުމާއެކު ސެވިއާ ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 31 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔޫސުފް އަންނަސައިރީއެވެ. ޔޫސުފްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ބާސާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 59 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފާމިން ލޯޕޭޒެވެ. މި ލަނޑަކީ ލޯޕޭޒް މި ސީޒަނުގައި ބާސާއަށް ކާމިޔާބު ކޮށްދިން އަށްވަނަ ލަނޑެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެގެންދިޔައިރު ވެސް ލޯޕޭޒްގެ ލަނޑަށް ސެވިއާއަށް ރައްދެއް ނުދެވުމާއެކު އެ ޓީމަށް ވަނީ ސީޒަނުގެ ފަހު މެޗުގައި ބާސާ އަތުން ބަލި ގަބޫލުކުރަން ޖެހިފައެވެ.
ލަލީގާގެ 2023-2024 ސީޒަނުގެ ފަހު މެޗުތައް ރޭގައި ވަނީ ކުޅެވިފައެވެ. ރޭގައި ކުޅުނު އެހެން މުހިއްމު މެޗުތަކަށް ބަލާލާއިރު, ލަލީގާގެ މި ސީޒަނުގެ ޗެމްޕިއަނުން ރެއާލް މެޑްރިޑް ވަނީ 0-0 އިން ރެއާލް ބެޓިސް އަތުން އެއްވަރުވެފައެވެ. ރޭގައި އެޓްލެޓިކޯ މެޑްރިޑް ވަނީ 2-0 އިން ރެއާލް ސޯސިއަޑޭޑް ބަލިކޮށްފައެވެ.
ލަލީގާގެ ސީޒަން ނިމިގެންދިޔައިރު ޗެމްޕިއަންކަން ހާސިލުކުރީ ރެއާލް މެޑްރިޑެވެ. ދެވަނައިގައި ބާސާ އޮތް އިރު ތިންވަނައިގައި އޮތީ މި ސީޒަނުގައި އާދަޔާހިލާފު މޮޅު ކުޅުމެއް ދެއްކި ޖިރޯނާއެވެ. ލަލީގާގެ ހަތަރުވަނައިގައި އޮތީ ޑިއޭގޯ ސިމިއޯނޭ ކޯޗުކޮށްދޭ އެޓްލެޓިކޯ މެޑްރިޑެވެ.