ކުރިއަށް އޮތް 2024-2025 ވަނަ އަހަރުގެ ސީޒަނަށްފަހު ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗު ކަމުގެ މަގާމުން ވަކިވާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޑެއިލީ މެއިލްއިން ނެރުނު ރިޕޯޓެއްގައި ހާމަކުރާ ގޮތުގައި 2024-2025 ވަނަ ސީޒަނުގެ ނިޔަލަށް ހަމަވާ ކޮންޓްރެކްޓް އާނުކޮށް ގާޑިއޯލާ ސިޓީގެ ކޯޗުކަމުގެ މަގާމު ދޫކޮށްލާނެއެވެ. ގާޑިއޯލާ ސިޓީގައި ބެހެއްޓުމަށް ކްލަބުގެ މެނޭޖްމަންޓުން ބޭނުންވާ ކަމުގައިވިއަސް ގާޑިއޯލާ ދެން އަންނަ ސީޒަނަށްފަހު ސިޓީގައި މަޑުކުރާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.
ގާޑިއޯލާ ވަނީ ދާދި ފަހުން ވެސް އޭނާ ސިޓީ ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތްތަކެއް ދައްކާފައެވެ. އިންޓަވިއުއެއްގައި ވާހަކަދައްކަމުން ގާޑިއޯލާ ބުނިގޮތުގައި އޭނާ ސިޓީގައި މަޑުކުރުމަށްވުރެ ދިއުން މާ ގާތުގައި ވާ ކަމަށެވެ. ގާޑިއޯލާ މިހެން ބުނުމުން އެކި ފަރާތްތަކުން ލަފާ ކުރަމުން އަންނަނީ ގާޑިއޯލާ އޭގެން މާނަ ކުރަނީ ދެން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާ ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް ކަމަށެވެ.
ބަޔާން މިއުނިކުން މެންޗެސްޓާ ސިޓީއަށް 2016 ވަނަ އަހަރު ގުޅުނު ގާޑިއޯލާ ވަނީ ސިޓީގެ ދިގު ތާރީހުގައި ދުވަހަކު ވެސް އެ ކްލަބު ވާސިލުވެފައިނުވާ އުސްމިންތަކަކަށް ވާސިލުކޮށްފައެވެ. ގާޑިއޯލާ ވަނީ ސިޓީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބަށް ހަދާ, އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގެއް ކާމިޔާބު ކޮށްދީ އަދި ޖެހިޖެހިގެން ހަތަރު ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފައެވެ.
އަވަށްޓެރި މެންޗެސްޓާ ޔުނައިޓެޑުގެ ހިޔަނިން މެންޗެސްޓާ ސިޓީ ނެރެދިން ގާޑިއޯލާ ވަނީ އެ ކްލަބަށް ޖުމްލަ 10 ތަށި ކާމިޔާބު ކޮށްދީފައެވެ.