ހަތަރުވަނަ 'އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް' މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މަހާސިންތާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސް އާއި އެންޓިގުއާ އެންޑް ބާބުޑާގެ ބޮޑުވަޒީރު އެޗްއީ ގެސްޓޮން ބްރައުންއެވެ.

ހަތަރުވަނަ ސިޑްސް މަހާސިންތާ އަކީ " ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" މި ޝިއާރުގެ ދަށުން ސިޑްސްގެ ގައުމުތަކުގެ ލީޑަރުންނާއި އެކި ދާއިރާތަކުން ގުޅުންހުރި ހުރިހާ ހިއްސާދާރުން އެއްތަނަކަށް އެއްވެ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނިވި، ތަނަވަސް، އަދި ވިލުންތެރި މުސްތަގުބަލަކަށް މަސައްކަތް ކުރުމަށް ލިބިފައިވާ މުހިންމު ފުރުސަތެކެވެ.

ހަތަރުވަނަ ސިޑްސް މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ފަރާތުން އިއްވަވާ ހާއްސަ ގައުމީ ބަޔާން އިއްވަވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.