ބައިނަލްއަގްވާމީ މުޖުތަމައުން ކުދި ޖަޒީރާ ގައުމުތަކާ މެދު އަމަލުކުރާ ގޮތާމެދު ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެންޓިގުއާ އެންޑް ބާބުޑާގައި ކުރިއަށްދާ ސިޑްސް މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނުގައެވެ.
އެގޮތުން އެ ބަޔާނުގައި އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ގައުމުތަކާ ދޭތެރޭ އޮންނަންޖެހޭ ހަމަހަމަކަމާއި އިންސާފު ގެއްލިފައިވާ ކަމަށާއި އެހެންވެ ބައިނަލްއަގްވާމީ މުޖްތަމައުއަށް ކުރާ އިތުބާރު ގެއްލެމުންދާކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ ސިޑްސްގެ ގައުމުތަކުން ތަރައްގީ ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ގައުމުތަކަށް ބަރޯސާވުން ހުއްޓާލުމަށްފަހު އަމިއްލަ ފައި މައްޗަށް ތެދުވުމަށް އެދިވަޑައިގެން، އަދި ނާޒުކު ކަމަކީ ބަލިކަށިކަމެއް ނޫން ކަމަށާއި މި ނާޒުކު ކަމަކީ ލިބިފައިވާ ބާރަކަށް ހަދަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ ތަރައްގީއާއި ކުރިއެެރުމަށް ކުރާ މަސައްކަތުގައި ސިޑްސްގެ ގައުމުތައް ނަމޫނާއަކަށް ވާންޖެހޭ ކަމަށާއި ސިޑްސްގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްފިނަމަ ބައިނަލްއަގްވާމީ މައިދާނުގައި އިސް ދައުރެއް އަދާކުރަން ފުރުސަތު ލިބި، ހާސިލުކުރަން ބޭނުންވާ އަމާޒުތަކާއި ލަނޑުދަނޑިތަކަށް ވާސިލްވެވޭނެ ކަމަށެވެ.
އަދި މި ގައުމުތަކުން އިދާރީ ހިންގުން ހަރުދަނާކޮށް، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން އިތުރުކޮށްފިނަމަ އިންވެސްޓްމަންޓްތައް އިތުރުކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ބަޔާނުގައި ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުވަނީ ސިޑްސްގެ ގައުމުތަކަކީ ކުދި ޖަޒީރާ ގައުމުތަކަކަށްވީ ނަމަވެސް ގުޅިގެން ކުރާ މަސައްކަތުން ބާރުވެރި ފަރާތަކަށް ވެއްޖެނަމަ ސިޑްސްގެ ގައުމުތަކުގެ ގޮވާލުންތަކުގައި ބާރުވެރިކަން ހުންނާނެ ކަމަށާއި އަދި ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށްވީ ނަމަވެސް އދގެ ސަލާމަތީ މަޖިލީހާއި، އދގެ އިކޮނޮމިކް އަދި ސޯޝަލް ކައުންސިލް ފަދަ އދގެ ބާރުގަދަ ގުނަންތަކުން ޖާގަ ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފައެވެ.
އަދި ސިޑްސްގެ ގައުމުތައް ކުދި ނަމަވެސް އެ ގައުމުތަކުގެ ސައިޒަށް ބަލައިގެން އެ ގައުމުތަކުގެ މުސްތަގުބަލް ކަނޑައެޅުމުގެ ފުރުސަތު އެހެން ބަޔަކަށް ނޯންނާނެ ކަމަށާއި ފަގީރުކަމާއި، މުސޫމީ ކާރިސާތަކުގެ ގޮންޖެހުންތައް އެ ގައުމުތަކަށް އެބަހުރި ކަމަށާއި އެކަމަށް އެއީ ބަލިކަށިކަމެއްގެ ގޮތުގައި ނުދެކުމަށްވެސް ރާއީސްގެ ބަޔާނުގެ އެދިވަޑައިގެންވަޑައިގަނެފައިވެއެވެ.