ސައުދީ ޕްރޯ ލީގުގެ ސީޒަނުގެ ފަހު މެޗުގައި އަލްއިއްތިހާދް އަތުން 4-2 އިން އަލްނަސްރު މޮޅުވެއްޖެއެވެ.

ސައުދީގެ އަލްއައްވަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ އަލްނަސްރެވެ. މި ލަނޑަކީ ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ކްރިސްޓިއާނީ ރޮނަލްޑޯ ކާމިޔާބު ކުރި ލަނޑެކެވެ.

ރޮނަލްޑޯ ވަނީ މެޗުގެ 69 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ޖަހާ އަލްނަސްރުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. މި ލަނޑާއެކު އޭނާ ވަނީ މި ސީޒަނުގައި 35 ލަނޑު ޖަހާ, ސައުދީ ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދާފައެވެ.

އަލްނަސްރުގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ އަބްދުއްރަހްމާން ގަރީބް ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގެ 88 ވަނަ މިނެޓުގައި އަލްއިއްތިހާދުގެ އަލްޝަމްރާނީ ވަނީ ލަނޑު ޖަހާ އަލްނަސްރުގެ ލީޑު ކުޑަކޮށްފައެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ފަބީނިއޯ ވަނީ އަލްއިއްތިހާދުގެ ދެވަނަ ލަނޑު ޖަހާދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އަލްނަސްރުގެ އަލްނެމާ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހާ ސީޒަނުގެ ފަހު މެޗުން އަލްނަސްރަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ރޭގައި ސައުދީ ޕްރޯ ލީގުގެ ހުރިހާ މެޗުތަކެއް ނިމިގެންދިޔައިރު ލީގުގެ ޗެމްޕިއަންކަން ހާސިލުކޮށްފައިވަނީ އަލްހިލާލެވެ. އަލްހިލާލް ލީގުގެ ޗެމްޕިއަންކަން ހާސިލުކުރީ އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަަކޮށްލަން ޖެހެއެވެ. ސައުދީ ލީގުގެ ދެވަނައިގައި އޮތީ ރޮނަލްޑޯގެ އަލްނަސްރެވެ. ތިންވަނައިގައި އަލް އަހްލީ އޮތް އިރު ހަތަރުވަނައިގައި އޮތީ އަލްތައާވުންއެވެ.