ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި 93 މެމްބަރުން މެމްބަރުކަމުގެ ގާނޫނީ ހުވާ މިއަދު ހެނދުނު ކުރައްވައިފިއެވެ.

މެންބަރުން ހުވާކުރުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މި ރަސްމިއްޔާތުގައި މެންބަރުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އަދި މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރައްވާ މެންބަރުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.

މީގެއިތުރުން މިއަދު 10:15 ގައި މަޖިލިސް ރައީސް އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މަޖިލިސް ރައީސް އަދި ނާއިބު ރައީސް ހުވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުއެވެ.

ރައީސް މުއިއްޒުގެ ތާއީދާއެކު، ޕީއެންސީން މިހާރު ނިންމާފައިވަނީ މަޖިލިސް ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމު އިންތިހާބު ކުރުމަށް ނިންމާފައެވެ.

މަޖިލިހުގެ ރައީސްއާއި ނާއިބު ރައީސް އިންތިހާބު ކުރާނީ މެމްބަރުންގެ މެދުގައި ބޭއްވޭ ސިއްރު ވޯޓަކުންނެވެ.

ވިހިވަނަ މަޖިލިހުގައި ސުޕަމެޖޯރިޓީ ހޯދާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއިންނެވެ. ޕީއެންސީގެ 76 މެމްބަރުން މިފަހަރު މަޖިލީހުގައި ތިއްބަވާނެއެވެ. އެއީ އެ ޕާޓީގެ ޓިކެޓުގައި ހޮވުނު 66 މެމްބަރުންނާ އަލަށް އެޕާޓީއާ ގުޅުނު 10 މެމްބަރުން ހިމެނޭހެންނެވެ.