އެމެރިކާގެ މޮޑަނާ ކުންފުނިން ތަރައްގީކޮށް އުފައްދާފައިވާ ކޮވިޑް ވެކްސިން، އިމަޖެންސީ ބޭނުމަށް ގަތަރުގައި ބޭނުން ކުރުމުގެ ހުއްދަ، ގަތަރުގެ ކަމާބެހޭ އިދާރާއިން ދީފިއެވެ.

މިއީ، ގަތަރުގައި ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދެވުނު ދެވަނަ ވެކްސިނެވެ.

ގަތަރުގައި މީގެކުރިންވަނީ، ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

ގަތަރު ސަރުކާރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޮޑަނާގެ ވެކްސިނަށް ހުއްދަ ދެވުނީ، އެ ވެކްސިން ވަރަށް ބޮޑަށް ރިވިއު ކުރުމަށް ފަހުގައި ކަމަށެވެ.

ގަތަރުގެ ނޭޝަނަލް ހެލްތު ސްޓްރެޓީޖިކް ގްރޫޕްގެ ޗެއަރ އަދި ހަމަދު މެޑިކަލް ކޯޕޮރޭޝަންގެ ވައިރަސްގެ ޒަރީއާއިން ފެތުރޭ ބަލިތަކާބެހޭ ޑިޕާޓްމަންޓުގެ ވެރިޔާ ޑރ. އަބްދުއްލަތީފް އަލް ޚާލް ވިދާޅުވީ، މޮޑަނާގެ ކޮވިޑް ވެކްސިން ރިވިއު ކުރިއިރު، އެ ވެކްސިނަކީ ރައްކާތެރި އަދި ވަރަށް މަތީ މިންވަރަކަށް ބަލިން ދިފާއުކޮށްދޭ ވެކްސިނެއްކަން ދައްކާފައިވާ ކަމަށެވެ.

މި ވެކްސިން އިމަޖެންސީ ބޭނުމަށް ގަތަރުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުންނެވެ.

މި ހުއްދަ ލިބުމާއެކު، މޮޑަނާގެ ވެކްސިނާއި އަދި ފައިޒަރގެ ވެކްސިނާއެކު، ގަތަރުގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމް އިތުރަށް ފުޅާކުރެވިގެންދާނޭ ކަމަށް ޑރ. އަބްދުއްލަތީފް ވިދާޅުވިއެވެ.

ގަތަރުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 155،453 މީހުންނެވެ. އަދި މިބަލީގައި 253 މީހުން މަރުވެފައި ވެއެވެ.

ގަތަރުގައި އަނެއްކާވެސް ކޮވިޑްބަލި ވަރަށް ބާރަށް ފެތުރޭން ފެށުމުން، މިދިޔަ ހަފްތާއިން ފެށިގެންވަނީ ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅާފައެވެ.