ސައުދީ އަރަބިއާގެ ރިއާދްގައި އޮންނަ "ރިޔާދް ޓްރެވަލް ފެއާ 2024" ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބައިވެރިވެއްޖެއެވެ.

މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި އެމްއެމްޕީއާރްސީ ބައިވެރިވެފައިވަނީ ސައުދީ އަރަބިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ބޭނުމުގައެވެ. ސައުދީ އަރަބިއާގެ އިތުރުން މެދު އިރުމަތީގެ އެހެން ގައުމުތަކަށް ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ފުރިހަމަކަން ދައްކާލުން މި ފެއާގައި ވަނީ ކުރިއަށް ގޮސްފައެވެ.

ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށް ގެންދާ މި ފެއާއަކީ ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ, ގައުމުތަކުގެ ޓުއަރިޒަމް ކުރިއެރުވުމަށް މުހިއްމު ކަންކަމެއް ކުރެވިގެންދާ ފެއާއެކެވެ. މި ފެއާގައި ރާއްޖެއިން އަމާޒު ކުރަނީ ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ގޮތުން ކުރިއެރުވުމަށް އިސްތިހާރުކޮށް, ރާއްޖޭގެ އެކިއެކި އުފެއްދުންތައް އެ ފެއާގައި ދައްކާލުމަށެވެ.

ސައުދީ އަރަބިއާ މި ވަގުތު އޮތީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ލިސްޓުގެ 21 ވަނައިގައެވެ. އެމްއެމްޕީއާރްސީއިން ވަނީ މެދުއިރުމައްޗަށް އަމާޒުކޮށް ރާއްޖޭގެ ފަތުރުވެރިކަން އެ ހިސާބުގައި ކުރިއެރުވުމަށް ޓަކައި އެކިއެކި ހަރަކާތްތަކެއް ރާވާފައެވެ. މި ހަރަކާތްތަކުގައި ހިމެނެނީ މާކެޓިން ކެމްޕެއިންސް ކުރިއަށް ގެންދިޔުން, އިންފޯމެޓިވް ވެބިނާސް, ބޮޑެތި ފެއާ ތަކުގައި ބައިވެރިވުން އަދި ރާއްޖޭގެ ރީތިކަން ދައްކާލުމުގެ ގޮތުން ދަތުރުތައް ކުރިއަށް ގެންދިޔުމެވެ.