ދިވެހިރާއްޖެއަށް ވެއިކްސިން ޕޭ ތައާރަފު ކުރުމުގެ ނިޔަތުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރާއްޖެއަށް ވެއިކްސިން ޕޭ ތައާރަފު ކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދު ސޮއި ކުރި އިރު ވެއިކްސިން ޕޭ ގެ ފަރާތުން ސޮއި ކުރީ ވެއިކްސިން ޕޭ ގެ ކަންޓްރީ މެނޭޖަރު އެޓިއެން އެންޖީއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭ ވިޔަފާރިވެރިންނާ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތު ކުރެވިގެންދާނެއެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޒިހުނީ ވިދާޅުވި ގޮތުގައި ޗައިނާ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ބައެއް ހިއްސާ ކުރާ ފަރާތަކަށް ވާތީ މި އެއްބަސްވުމުގެ ސަބަބުން އެ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"ޗައިނާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ބޮޑު ދައުރެއް އަދާ ކުރާ ބަޔެއް. އަހަރެމެން މަސައްކަތް ކުރަމުން މި ދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެއިކްސިން ޕޭ ތައާރަފު ކުރުމަށް ޓަކައި. މި މަސައްކަތުގެ ސަބަބުން ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގައި ފައިސާ ދެއްކުމަށް އެތައް ލުއިތަކެއް ލިބިގެންދާނެ" ވެއިކްސިން ޕޭ ތައާރަފު ކުރުމާ ބެހޭ ގޮތުން ވާހަކަދައްކަމުން ޒިހުނީ ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޗައިނާ އާއި ރާއްޖެ އެއްބަސްވެގެން ވިސާގެ ގަވާއިދުތަކަށް ބަދަލު ގެނައި ފަހުން ޗައިނާ ވަނީ ކޮންމެ ކުއާޓާއެއްގައި ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމަށް ވެފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާއިން ބޮޑު ދައުރެއް އަދާ ކުރަމުން އަންނަ އިރު, މެއި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ޗައިނާއިން 91,073 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.