އައިޓީބީ ޗައިނާ 2024 ގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހިއްޖެއެވެ.

ޗައިނާގެ ޝަންގްހައިގެ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ދާ އައިޓީބީ ޗައިނާއަކީ ޗައިނާގެ ފަތުރުވެރިކަމަށް އަމާޒުކޮށްގެން ބާއްވާ އިވެންޓެކެވެ. މި އިވެންޓުގައި ޗައިނާގެ އެކި އިންޑަސްޓްރީ ތަކުގެ ބޮޑުން ބައިވެރިވާ އިރު, މިއީ ވިޔަފާރި ކުރުމަށް އިތުރު ދޮރުތަކެއް ހުޅުވަދޭ އިވެންޓެކެވެ.

މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އިވެންޓުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ވަނީ ބައިވެރިވެފައެވެ. 45 ޓުއަރިޒަމް ކުންފުނިތަކުން 100 ވަފުދުން ބައިވެރިވެފައިވާ މި އިވެންޓުގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަށް ރާއްޖެ ވަނީ ވެފައެވެ.

އައިޓީބީ ޗައިނާ 2024 ގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކަށް އެމްއެމްޕީއާރްސީ ވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި އިތުރަށް ވަރުގަދަ ވުމަށް އެހީތެރިވެގެންދެއެވެ. އޭގެ އިތުރުން އައިޓީބީ ޗައިނާގައި ބައިވެރިވުމުން ރާއްޖޭގެ އެކި މަންޒިލްތަކާއި އުފެއްދުންތައް ދައްކާލުމަށް ބައިވަރު ފުރުސަތުތަކެއް ފަހިވެގެންދެއެވެ.

ޗައިނާއަކީ ރާއްޖޭގެ ޓުއަރިޒަމްގެ ދާއިރާގައި ބޮޑު ދައުރެއް އަދާ ކުރަމުން އަންނަ ގައުމަކަށްވާ އިރު ރާއްޖެ އިތުރަށް މާކެޓް ކުރުމަށް މި އިވެންޓަކީ ރަނުގެ ފުރުސަތެކެވެ. މި އަހަރު އެކަނި ވެސް ޗައިނާގެ 95,952 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ 11.2 އިންސައްތައެވެ.