ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ރަޝިޔާގައި ކޮމިޔުނިސްޓް ވެރިކަން އޮތް ދުވަސްވަރު ކޮމިޔުނިސްޓް ޕާޓީގެ އިސްވެޔަކު ވަރަށް ބޮޑަށް ބަލިވިއެވެ. އޭނާ އެބަލިން ރަނގަޅު ނުވެ ގިނަ ދުވަސްވުމުން އެ ބަލިން ސަލާމް ވުމަށް އެދިގެން އޭނާ ދުޢާކުރަންފެށިއެވެ. އެއްދުވަހު ދުޢާކުރަން އިންދާ މީހަކަށް އެތަން ފެނިގެން އެ މީހުން އެފަދަ ފަރާތެއް ވާކަމަށް ކުރިން ޤަބޫލު ނުކުރާ ވާހަކަ ބުންޏެވެ. އެވާހަކަ ބުނުމުން އޭނާ ބުނިކަމަށްވެއެވެ. ތިމަންމެން އެގޮތަށް ބުނިކަމުގައިވި ނަމަވެސް އެ ފަދަ ފަރާތެއް ވާކަމުގައި އަބަދު ވެސް ހިތުގެ އަޑިން ޤަބޫލުކުރެވެއެވެ. ނަމަވެސް އެހެން މީހުންނަށް އެކަން ފާޅު ނުކުރަނީއެވެ. މިއަދު މިޙާލަތަށް އައުމުން އެފަރާތުގެ މަދަދަށް ނުވަތަ އެހީއަށް އެދެން މަޖްބޫރުވީއެވެ.
މިއީ ޙަޤީޤަތެވެ. އޭގައި އެއްވެސް ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. އެފަދަ ކިތައްމެ ބައެއް މި ދުނިޔޭގައި ކުރިން ވެސް އުޅެފައި ވެއެވެ. އަދި މީހާރު ވެސް އުޅެމުންދެއެވެ. އަދި މުސްތަޤުބަލުގައި ވެސް އުޅޭނޭކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ފިރުޢައުނަކީ ވެސް އެއްކައުވަންތަ ކަމަށް ނުވަތަ އިލާހެއް ކަމަށް ދަޢުވާކުރި މީހެކެވެ. އެންމެ ފަހު ވަޤުތު ފިރުޢައުނު ވެސް ވަނީ ތިމަން ވެސް ވަނީ ބަނޫއިސްރާއީލް މީހުން އީމާންވާ ފަރާތަށް އީމާން ވެއްޖައީމޭ ބުނެ ދަޢުވާ ކޮށްފައެވެ. ނަމަވެސް މާތްﷲގެ ޢަޒަލީ ޤާނޫނަކީ އެފަދަ މީހުން ބޭނުންވާހާ ގޮތަކަށް ބަދަލުކޮށް ބޭނުންހާ ގޮތެއް ހެދޭނެ އެއްޗަކަށް ނުވުމުން، ފިރުޢަނު ނިމި ދިޔައީ ކަލާނގެއަށް އީމާން ނުވާ އެފަދަ އެހެން މީހުން ވެސް ނިމިދިއަ ގޮތަށެވެ.
މި ކައުނު އުފެދިފައިވާ ގޮތާއި، ކައުނުގައި ވާ ކަންކަމާއި، މި ކައުނުގައިވާ ތަކެތި އުފެދިފައިވާ ގޮތާ މެދު ސުވާލުއުފައްދާ ބަޔަކު އުޅެއެވެ. އެގެތެރޭ ގައި ސައިންސް ވެރިންނާއި، ދިރާސާކުރާ މީހުން އުޅެއެވެ. މިފަދަ ކަންތައްތައް ދިރާސާ ކުރާ ސައިންސްވެރިންގެ ދިރާސާތަކުން މާތްﷲ ގެ ޢަޡްމަތްތެރިކަމާއި، އެކަލާނގެ ކުޅަދުންވަންތަ ވެރިކަން ދޭހަ ނުވާ އެއްވެސް ދިރާސާއެއް ސައިންސްވެރިންނަށް ކުރެވިފައެއް ނުވެއެވެ. މިގޮތުން، މާރިޔާ ސުޓެންލީއަކީ ބުރުޓޫން ޔުނިވަރސިޓީ އިން ބައިލޮޖީގެ ދާއިރާ އިން ޕީ.އެޗް.ޑީ ހަދާފައިވާ މީހެކެވެ. އޭނާ ލިޔެފައި ވާ ގޮތުގައި މި ކައުނުގައިވާ ހުރިހާ ތަކެއްޗެއް މާތްﷲ ވޮޑިގެންވާ ކަމަށް ހެކިދެއެވެ. އަދި މާތްﷲ ގެ ޤުދުރަތްތެރި ކަމާއި އެކަލާނގެ ޢަޡަމަތްތެރިކަމަށް ވެސް ހެކިދެއެވެ. އަދި އެއްވެސް ކަމެއްގައި އެކަމެއްގައި އޮތް އެންމެ ފުރިހަމަ ގޮތަކީ މިއީއެވެ. ބުނެވޭ ވަރަށް އެމީހުންނަށް ހޯދިފައި ނުވާކަމުގައެވެ. އެއީ ވަކި ގޮތަކަށް ދިރާސާތަކެއް ކުރުމަށް ފަހު ދުވަސްކޮޅަކުން ނުވަތަ ޒަމާން ތަކަކަށް ފަހު ދިރާސާއެއް ކުރާއިރު އެކަން ބައެއް ފަހަރަށް ބަދަލުވެފައިވާތީއެވެ.
އައްނަމްލު ސޫރަތުގެ 93 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ނިކަންހުރެ އެކަލާނގެ ދައްކަވާހުއްޓެވެ. ދެން އެކަންތައްތައް ތިޔަބައި މީހުންނަށް އެނގޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައި މީހުންކުރާ عمل ތަކާ މެދު غافل ވެވޮޑިގެނެއް ނުވެތެވެ."
މިއީ ﷲގެ ވަޙީ ބަސްފުޅެވެ. މި ވަޙީ ބަސްފުޅުގައި ވާ ފަދައިން މި ދުނިޔެ މަތީގައި މިހާރު ދިރާސާ ކުރާ ކުރުންތަކުން ވަރަށް ރަނގަޅަށް މި އާޔަތުގައި އެވާ "އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައި މީހުންނަށް ނިކަން ހުރެ އެކަލާނގެ ދައްކަވާ ހުއްޓެވެ." ހެކިތައް ފެންނަމުން ދާކަން އެކިއެކި ޖާނަލްތަކާއި، ރިޕޯޓުތަކުން ދަނީ ފެންނަމުންނެވެ. އަދި އެފަދަ ދިރާސާ ކުރާ މީހުން އިސްލާމް ދީން ޤަބޫލުކޮށް އެދީނަށް ނަޞްރު ދިނުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާކަމީ ދިރިހުރި ހެއްކެކެވެ.
މި ދިރަސާތަކުން ދޭހަ ވަނީ މިކައުނު ހެއްދެވި ފަރާތެއް ވާކަން އެކަންޏެއް ނޫނެވެ. އަދި ކިއެއްތޯއެވެ. ދާއިމަށް ދިރި ދެމި ވޮޑިގެންވާ އަދި އެފަރާތެއްގެ ޤުދުރަތްތެރި ކަމުގެ ހެކިތައް އެކި ކަންކޮޅު ތަކުގައި، ޚާއްޞަކޮށް އިންސާނާ އަށް ބަލައިލުމުން ވެސް ފެންނަމުން ދާކަމެވެ. އަދި މިކަމަކީ އެއްވެސް މީހަކު އެ ކަމާ ދެބަސްވެ އެކަމާ ދެކޮޅު ހެދުމަށް ޖާގަ ލިބިގެންވާ ކަމެއް ވެސް ނޫނެވެ. މި ގޮތުން ސެންފްރެންސިސްކޯ ޔުނިވަރސިޓީގެ ޙައިވާނާ ބެހޭ ގޮތުން ދިރާސާތައްކުރާ ފެކަލްޓީގެ ރައީސްގެ ވާހަކައަށް ބަލައިލާނަމެވެ. އޭނާ އަކީ ކެލިފޯނިއާ ޔުނިވަރސިޓީގެ ޙައިވާނާއި، ފަނިފަކްސާގެ ދާއިރާއިން ޕީ.އެޗް.ޑީ ޙާޞިލްކޮށްފައިވާ ޕްރެފެސަރެކެވެ. އޭނަގެ ނަމަކީ އެޑްވަޑް ލޯޓަރކެޕްލްއެވެ. އޭނާ ފަނިފަކުސާގައި ހުންނަ ފިޔަތަކާއި ބެހޭ ގޮތުން ވަރަށް ބޮޑު ދިރާސާއެއް ކޮށްފައިވެއެވެ. އޭނާ ބުނާގޮތުގައި މިކައުނުގައި މާތްﷲ ލައްވާފައިވާ އެ ކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ވާހަކަ އެންމެ ފުރިހަމަ ގޮތުގައި ދެއްކުމަކީ ވާނެކަމެއް ނޫނެވެ. އަދި އެއީ އެއްވެސް އިންސާނަކަށް ކުރެވޭނޭ ކަމެއްނޫންކަމުގައެވެ. އެ ފަދަ ކަންތައްތަކުގެ ޙިކުމަތާ ގުޅޭގޮތުން ވެސް ބަޔާން ނު ކުރެވޭނެ ކަމުގައެވެ. ތިމަން، ފަނިފަކްސާތަކުގެ ފިޔަތަކާއި ބެހޭ ގޮތުން ކުރި ދިރާސާތަކުން ތިމަންނައަށް މާތްﷲ ކުޅަދުންވަންތަ ކަމުގެ އެތައް ހެކިތަކެއް ފެނިގެންދިޔަ ކަމުގައެވެ. އަދި އެފަދައިން ތިމަން ކައުނާއި، ކައުނުގައި މާތްﷲ ލައްވާފައިވާ ނިޒާމާއި ބެހޭގޮތުން ދިރާސާ ކުރިޟެވެ. ކުރި އެ ދިރާސާތަކުން ތިމަންނަގެ އީމާންކަން ﷲ އާއި މެދު އިތުރު ވެގެންދިޔަކަމުގައެވެ.
ކީރިތި ޤުރުއާނުގެ ނައްޞުން ސާބިތުވެފައިވާ ގޮތުގައި މާތްﷲ ގެ މަޚްލޫޤުތަކާ މެދު ވިސްނައި ފިކުރު ކުރާބަޔަކަށް އެކަލާނގެ ވޮޑިގެންވާ ކަމުގެ ހެކިތައް ފެނިގެންދާނެއެވެ. މި ފަދަ ކަންކަމަށް އިޝާރާތް ކުރައްވައި، ކީރިތި ޤުރްއާނުގެ އަލްޖާޘިޔާ ސޫރަތުގެ 3 ވަނަ އާޔަތުން 6 ވަނަ އާޔަތާ ހަމައަށް މާތްﷲ ވަޙީކުރައްވާފައިވާ އާޔަތްތަކުގެ މާނާގައި ވަނީ: "ހަމަކަށަވަރުން މުއުމިނުންނަށް އުޑުތަކާއި ބިމުގައި (ﷲގެ ގުދުރަތް ތެރިކަމުގެ) ހެކިތަކެއް ވާކަން ކަށަވަރެވެ. އަދި ތިޔަ ބައިމީހުން ހެއްދެވުމުގައްޔާއި، އެކަލާނގެ ފަތުރުއްވާފައިވާ އެންމެހާ ދިރޭތަކެތީގައި ޔަޤީންކުރާބަޔަކަށް ހެކިތަކެއްވެއެވެ. އަދި ރޭދުވާ ތަފާތުވުމުގައްޔާއި، ބިން މަރުވުމަށް ފަހު، ﷲ އުޑުންވެއްސެވި ރިޒުގުން (އެބަހީ ވާރޭފެނުން) އެ ބިން ދިރިރުއްވިކަމާއި، ވައިރޯޅި (އެކިފަރާތްފަރާތަށް) ހިންގެވުމުގައި ވިސްނާބަޔަކަށް ހެކިތަކެއް ވެއެވެ. އެއީ ﷲގެ އާޔަތްތަކެވެ. ޙައްޤު ތެދު ގޮތުގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔައި ދެއްވަމެވެ. ފަހެ ﷲގެ ފޮތާއި، އެކަލާނގެ އާޔަތް ތަކަށްފަހުގައި އެއުރެން އީމާންވާނީ ކޮން ވާހަކައަކަށް ހެއްޔެވެ؟" މިފަދައިންނެވެ.