ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނުކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އަހްމަދު ނިހާދު ކަމަށާއި އަދި ކޮމިޝަނަރ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު އެ ދަރިވަރަށް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން ކަމަށެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޔޫނުސް ޞަބާހް، ސްރީލަންކާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ދޭޝަބަންދު ތެނަކޫން އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އެންސީޕީއެލްގެ އެކި ފެކަލްޓީތަކުގެ އިސްވެރިންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން އަދި ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.
މީގެއިތުރުން މި ރަސްމިއްޔާތު ފެށިގެން ގޮސްފައިވަނީ ފުލުހުންގެ ހިދުމަތުގައި 25 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރެއްވި އަދި 36 ވަނަ، ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގައިވެސް ކިޔަވައިދެއްވި ރިޓަޔާޑް އަލްމަރްހޫމް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޒިޔާދުގެ ހަނދާނުގައި ގެނައި ހަމަހިމޭންކަމުގެ ސުކޫތަކަށްފަހުގައި ކަމަށް ފުލުހުން ބުންޏެވެ.
އަދި ކޯހުން ދެވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް އާލިމަ މުހައްމަދު ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މުއީން މުޙައްމަދުއެވެ.
ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު އަމްހަރް އާރިފްއެވެ. ދެވަނަ ދަރިވަރަކަށް ޕޮލިސް ސަރޖަންޓް އަހުމަދު ނިހާދު ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ހަސަން އަނަސް ނާފިޒްއެވެ.
އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ސަރޖަންޓް އަޙްމަދު ނިހާދު ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މާޝާ ރަޝީދުއެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް އާއިޝަތު ރަވީނާއެވެ.
އެންމެ މޮޅު ސްކޮޑަކަށް ހޮވުނު ބީފާނު ސްކޮޑަށް ޝީލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއަލީ ޝުޖާއުއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު މި ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ހިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.
އެގޮތުން، ގާނޫނާއި، ހިއުމަން ރައިޓްސް އާއި ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި އަހަރުގެ ޖަނަވަރީ 24 އިން މެއި 23 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ކޯހުގައި 198 ފުލުހުން ބައިވެރިވެ 164 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ.