އެމްޓީސީސީގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އެ ކުންފުނިން ފުލްސްކޭލް އިމަޖަންސީ އެކްސަސައިޒެއް ހިންގުމަށް ނިންމައިފިއެވެ.

އެމްޓީސީސީއިން އިއުލާނުކުރި ގޮތުގައި މި އެމަޖަންސީ އެކްސަސައިޒަކީ ކުއްލި ހާލަތުގައި ކުންފުނީގެ ސަލާމަތީ އަދި ތައްޔާރީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ގެންދާ އެކްސަސައިޒެކެވެ.

އެމްޓީސީސީއިން ހަބަރުދޭ ގޮތުގައި މި އެކްސަސައިޒް ކުރިއަށް ދާނީ މިއަދު މެންދުރު 13:00 އިން ފެށިގެން އިރުއޮއްސި 18:00 ގެ ނިޔަލަށް, އެ ކުންފުނީގެ ކ. ތިލަފުށި ބޯޓު ޔާޑުގައެވެ.

ތިލަފުށި ބޯޓު ޔާޑުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ޓަކައި އެ ބޯޓު ޔާޑު އެއްކޮށް ހުސްކުރެވިގެންދާނެ ކަމަށް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ. އެ ވަގުތު ބޯޓު ޔާޑުގައި ތިބި މުވައްޒަފުން ވެސް ރައްކާތެރި ސަރަހައްދަކަށް ގެންދާނެ ކަމަށް އެ ކުންފުނިން ހަބަރުދެއެވެ.

އެމްޓީސީސީއިން ވަނީ, އެ ކުންފުނީގެ ބޯޓު ޔާޑާއި ކ. ތިލަފުށި އިންޑަސްޓްރިއަލް އޭރިއާ ސަރަހައްދަށް ޒިޔާރަތް ކުރައްވާ ބޭފުޅުންނަށް ދުމުގެ އަސަރު ކޮށްފާނެތީ ސަމާލުވުމަށް އަންގާފައެވެ. އިމަޖަންސީ ޑްރިލްގެ ވަގުތުގައި ދުމުގެ އަސަރު ކުރާނަމަ އިމާރާތްތަކުގެ ދޮރުތައް ލައްޕާ, ނޭފަތާއި އަނގަމަތި ނިވާ ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްޓީސީސީއިން ގެންދާ މި އިމަޖަންސީ ޑްރިލްގެ ސަބަބުން ދިމާވެދާނެ އެއްވެސް ދަތިކަމަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.