ބްރެޒިލްގެ ހުނަރުވެރި ގޯލްކީޕަރު އެޑާސަން މޮރައޭސް ވިއްކާލުމުގެ ވިސްނުމެއް މެންޗެސްޓާ ސިޓީގެ ނެތް ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
މީޑިއާތަކުން މިހެން ރިޕޯޓު ކޮށްފައި މި ވަނީ, ސައުދީގެ ކްލަބަކުން އެޑާސަންއަށް ފާރަލަމުން އަންނަ ކަމަށް އަޑުތައް ފެތުރިފައިވާ ވަގުތެއްގައެވެ.
މަޝްހޫރު ފުޓުބޯޅަ މީޑިއާއެއް ކަމުގައިވާ އީއެސްޕީއެންއިން ހާމަކުރި ގޮތުގައި ސިޓީއިން އެޑާސަން ވިއްކާލުމަށް އެއްވެސް މަސައްކަތެއް ކުރަމުންނެއް ނުދެއެވެ. ނަމަވެސް ސިޓީ ދޫކޮށް އެޑާސަން އެހެން ކްލަބަކަށް ދާން އެދެފިނަމަ އެ ކްލަބުން ދެކޮޅު ނުހަދާނެ ކަމަށް އީއެސްޕީއެން ވަނީ ރިޕޯޓުކޮށްފައެވެ.
އެޑާސަން މި ވަގުތު ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓަ ހަމަވަނީ 2026 ވަނަ އަހަރުއެވެ. ކޮންޓްރެކްޓުގައި ބާކީ އަދި ދެ އަހަރު އޮތް ކަމުގައިވިއަސް އެޑާސަން ކޮންޓްރެކްޓް އާ ކުރަން ބޭނުންނަމަ ސިޓީއިން އެ ފުރުސަތު އޭނާއަށް ވަނީ ފަހިކޮށްދީފައެވެ. ނަމަވެސް ސައުދީގެ އަލްއިއްތިހާދުން އޭނާ ގެނައުމަށް މަސައްކަތް ކުރަމުން ދާތީ, އެޑާސަން ސިޓީއާއެކު އިތުރު ކޮންޓްރެކްޓެއްގައި ސޮއި ނުކުރާނެ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ލަފާ ކުރަމުންނެވެ.
2017 ވަނަ އަހަރު 35 މިލިއަން ޑޮލަރުގެ އަގަކަށް ބެންފީކާއިން މެންޗެސްޓާ ސިޓީއަށް ގުޅުނު އެޑާސަން ވަނީ އެ ކްލަބަށް 300 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އެޑާސަން, މެންޗެސްޓާ ސިޓީގައި ހޭދަކުރި 7 އަހަރުގައި ވަނީ ހަ ޕްރިމިއާ ލީގާއި އެއް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށް, ޖުމްލަ 17 ތަށި އެ ކްލަބަށް ކާމިޔާބު ކޮށްދީފައެވެ.