ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 2-0 އިން ޑޯޓްމަންޑު ބަލިކޮށް, ރެއާލް މެޑްރިޑު މުބާރާތުގެ ޗެމްޕިއަންކަން 15 ވަނަ ފަހަރަށް ހާސިލުކޮށްފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވިގެންދިޔަ ފޯރިގަދަ ފައިނަލުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ ޑޯޓްމަންޑެވެ. ޑޯޓްމަންޑު ވަނީ މެޗުގެ ފުރަތަމަ ހާފުގައި ރެއާލުގެ ގޯލަށް އެތައް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ފޯވާޑު ނިކްލަސް ފޫލްކްރޫގް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދަނޑިއަށް އަރާފައެވެ. ޑޯޓްމަންޑަށް, މެޗުގައި ލީޑު ނަގަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުމުން މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ރެއާލުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ޑޯޓްމަންޑުގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑަކީ, ޓޯނީ ކްރޫސް ނަގައިދިން ކޯނަރަކުން ޑެނީ ކަރަވަހާލް ކާމިޔާބު ކުރި ލަނޑެކެވެ.
ރެއާލުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 83 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޑޯޓްމަންޑުގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ވިނީޝިއަސް ޖޫނިއާ ކާމިޔާބު ކުރި ލަނޑެކެވެ. ވިނީޝިއަސްގެ ގޯލާއެކު ރެއާލުން ވަނީ ފަސޭހަކަމާއެކު ޑޯޓްމަންޑު ހިފަހައްޓާލައި މެޗު ކާމިޔާބު ކޮށްފައެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް ކާމިޔާބު ވުމާއެކު ރެއާލުން ވަނީ އެ ކްލަބުގެ ތާރީހުގެ 15 ވަނަ ޗެމްޕިއަންސް ލީގު ހިއްލާލާފައެވެ. މިއީ, ދެވަނައަށް އެންމެ ގިނަ ޔޫސީއެލް ކާމިޔާބު ކޮށްފައިވާ އޭސީ މިލާނަށްވުރެ ދެ ގުނަ އިތުރު އަދަދެއްކަން ފާހަގަކޮށްލަން ޖެހެއެވެ.