އެމެރިކާގެ އެމްއެލްއެސްގައި މިއަދު ކުޅުނު މެޗުގައި އިންޓާ މިއާމީ އަތުން ސެއިންޓް ލުއިސް 3-3 އިން އެއްވަރުވެއްޖެއެވެ.
މިއާމީގެ ދަނޑު ކަމުގައިވާ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ސެއިންޓް ލުއިސްއެވެ. މި ލަނޑަކީ މެޗުގެ 15 ވަނަ މިނެޓުގައި ސެއިންޓް ލުއިސްގެ މިޑްފީލްޑަރު ކްރިސް ޑާކިން ކާމިޔާބު ކުރި ލަނޑެކެވެ.
ސެއިންޓް ލުއިސްއަށް އެ ލީޑު ހިފެހެއްޓުނީ އެންމެ ދިހަ މިނެޓަށެވެ. މެޗުގެ 25 ވަނަ މިނެޓުގައި މިއާމީގެ ސުޕާސްޓާ ލިއޮނަލް މެސީ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ މެސީ މި ސީޒަނުގައި ކާމިޔާބު ކުރި 12 ވަނަ ލަނޑެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ސެއިންޓް ލުއިސްގެ އިންޑިއާނާ ވަސިލެވް ވަނީ ލަނޑު ޖަހާ, ދެވަނަ ފަހަރަށް އެ ޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ހަމަވެ ކުޅުނު އިތުރު ވަގުތުގައި ލުއިސް ސުއަރޭޒް ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ސެއިންޓް ލުއިސް ވަނީ މެޗުގައި ތިންވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑަކީ ސުއަރޭޒް އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑެކެވެ. މިއާމީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 85 ވަނަ މިނެޓުގައެވެ. މި ލަނޑަކީ މިއާމީގެ ފުލްބެކު ޖޯޑީ އަލްބާ ކާމިޔާބު ކުރި ލަނޑެކެވެ. އަލްބާގެ ލަނޑާއެކު މެޗު ނިމިގެންދިޔައީ ދެ ޓީމުން ވެސް އެއް ޕޮއިންޓުން ފުއްދާލަން ޖެހިގެންނެވެ.
މެޗުން އެއްވަރުވި ކަމުގައިވިއަސް އިންޓާ މިއާމީ އޮތީ އެމްއެލްއެސްގެ އީސްޓާން ކޮންފްރެންސް ތާވަލުގެ އެއްވަނައިގައެވެ. މިއާމީ އެއްވަނައިގައި އޮތީ ކުޅުނު 18 މެޗުން ލިބުނު 35 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސިންސިނާޓީއަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. ނަމަވެސް އެ ޓީމު ކުޅެފައިވަނީ މިއާމީއަށްވުރެ ދެ މެޗު މަދުން ކަމަށް ވާތީ މިއާމީ ފަހާލައި ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.