ފަލަސްތީން, ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ މެމްބަރަކަށް ހަދަން 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީއިން ނިންމި ނިންމުމަށް ރާއްޖެ ތާއީދު ކުރާކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހާމަކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވަނީ ވޯލްޑް ހެލްތު އެސެމްބްލީއިން ފަލަސްތީނު ޔޫއެންގެ މެމްބަރަކަށް ހަދަން ނިންމި ނިންމުމަށް ރާއްޖޭގެ ފުރިހަމަ ތާއިދާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.

ރައީސްގެ ޕޯސްޓުގައި އެ މަނިކުފާނު ވަނީ ރާއްޖެއަކީ, ފަލަސްތީނުގެ ހައްގުތައް އަނބުރާ ހޯދައިދިނުމަށް ނިންމި ނިންމުމާ އެއްކޮޅަށް ވޯޓުލި 101 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއްކަން ފާހަގަކުރައްވާފައެވެ. މިހާ ގިނަ ގައުމުތަކުން ފަލަސްތީނާ އެއްކޮޅަށް ވޯޓުލުމުން ހާމަކޮށްދެނީ ދުނިޔޭގައި ފަލަސްތީނަށް ކުރަމުން އަންނަ ތާއީދު ބޮޑުވަމުން އަންނަ ކަން ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޕޯސްޓު ނިންމާލައްވަމުން ރައީސް ވިދާޅުވެފައިވަނީ, ފަލަސްތީނާ އެއްކޮޅަށް ވޯޓުލާން ރާއްޖެއިން ނިންމި ނިންމުމަކީ ދިވެހިންގެ ހިތު ތެރޭގައި ފަލަސްތީނަށް އޮތް ވަރުގަދަ ތާއީދުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ. މި ނިންމުމަކީ ފަލަސްތީނަށް އަމަންއޮމާން ކަން ގެނައުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.