ލިޔުނީ: ނިރު، ޝާހީން މުހައްމަދު

(ފަހުބައި)

ކޮއްކޮ ޒާއިރާ ގޮވައިގެން އެއްގަމަށް އަރާތިބެ.... އެދެމީހުން ލޯބީގެ ޖަޒުބާތުގައި ޖެހިފައި ތިބި ވަރުން ގެންނަން އުޅުނު ހަރަކާތް ހުއްޓުވީ ވެސް މަންމައެވެ. ރުކަކުން ކާއްޓެއް ވެއްޓުނު އަޑު ޒާއިރާއަށް އިއްވާ ކޮއްކޮ ސަމާލުކުރުވީއެވެ. އެހެންނޫން ނަމަ.... އެރޭ އެދެމީހުން ބޭނުންވި ހިސާބަށް އެ ދެމީހުންނަށް ދާން ފުރުސަތު ދިންނަނަމަ ... ޒާއިރާ އަނދާ އަޅިއަށް ވީހެވެ. ... އެމީހުންގެ އަނިޔާވެރިކަމާ އެމީހުން ކޮއްކޮއާ ޒާއިރާ ދެކެ ރުޅި އައިއްސަ ތިބިވަރު މަންމައަށް ވަރަށް ރަނގަޅަށް އެނެގެއެވެ. ޒާއިރާއާ ކޮއްކޮ ގުޅެން މަންމަ ވެސް ކިތަންމެ ނޭދުނަސް ޒާއިރާ ދެކެ ކޮއްކޮ ލޯބިވާވަރުން މަންމަ ވެސް ޒާއިރާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ހަގީގަތަކީ އެއީއެވެ. އެރޭ ޒާއިރާ ގާތު ދެއަތާ ދެފައި ދޮވެގެން ނިދަން ކޮއްކޮ ބުނީ އެއީ އެމީހުންގެ ފަރާތުން ޒާއިރާއަށް ކޮންމެވެސް ވަރަކަށް ގޯނާ ކުރެވިފައި ހުރުމުން އެކަމުން ޒާއިރާ ސަލާމަތް ކުރުމަށެވެ.

އެރެއަށްފަހު ޒާއިރާ ގޮވައިގެން ކޮއްކޮ ބޭރަކަށް ނުދެއެވެ. ޒާއިރާއާ ބައްދަލުކުރަން ކޮއްކޮ އަންނަނީ ދަންވަރު މިގޭގެ ދޮރުމައްޗަށެވެ. މަންމަ ތަކުރާރުކޮށް މަނާކުރަމުން ދިޔައިރުވެސް ކޮއްކޮ ގޮތް ދޫނުކޮށް ޒާއިރާއާ ބައްދަލުކުރުން ހުއްޓާނުލާ ކުރިއަށް ގެންދިޔައީ ޒާއިރާ ދެކެ ކޮއްކޮއަށް ލޯބިވެވުނު މިންވަރުންނެވެ.

"މަލާކު ވަރަށް ރަނގަޅަށް ހަނދާންހުންނާނެ.... ކައުންސިލް ރައީސްއާ ބައްދަލުކުރަން ރޭވި ބައްދަލުވުން. އެބައްދަލުވުން ފަސްވާނެހާ ގޮތަކަށް ކަންތައް ކުރަމުން އައީ މަންމަ. ބޭނުންވީ އެރޭ ކޮއްކޮއާ ޒާއިރާއާ ބައްދަލުވިޔަ ނުދިނުން. އެކަމަކު ވަކި ހިސާބަކުން ކޮއްކޮގެ ވަކި ޝަރުޠުތަކަކާ އެކު މަންމަ އެކަން ދޫކޮށްލީ!... ކޮއްކޮ ކައިރީ ނުދާން މަންމަ ބުނެފައި އޮތްވާ ވެސް ޝަރުޠު އުވާލާފަ ކޮއްކޮ ޒާއިރާ ދެކެން ގޮސް މަގުގައި ހުރީ ... ޒާއިރާ އައި ވޭނުގެ ކުރިމަތިން ހުރަސްކުރީ.. އަދި ޒާއިރާއަށް ކޮއްކޮ ފެނި ވޭނުން ފައިބައިގެން ކޮއްކޮ ކައިރިއަށް ދާން ދިޔައީ!"

މަލާކުއަށް ވާނުވާ ރޭކަލާން ފެށީ އެހިސަބުންނެވެ. ތެދެކެވެ. ކުރީ ރޭ ކަންވީ އެހެންނެވެ.

"ޒާއިރާ ވެހިކަލުން ފޭބިއިރު މަންމަގެ އަމުރަށް ބަޔަކު ގޮސް ކޮއްކޮ ގޮވައިގެން އައިސްފި! ކޮއްކޮ ނުފެނުމުން ޒާއިރާ އައީ ކޮއްކޮގެ ގެ ކަމަށް ޒާއިރާއަށް ކުރީ ދުވަހު ފެނުނު ތަނަށް. ޖަންބުގަސް ހުރި ގޯއްޗަށް! އެރޭވެސް އެގޯތިން ޒާއިރާއަށް ފެންނާނީ ކުޑަކުޑަ ރީތި ހިތްގައިމު ގެއެއް. އެންމެންނާ ދެކޮޅަށް އެރޭވެސް ކޮއްކޮ ޒާއިރާއާ ބައްދަލުކުރި.. އެހެންނަމަވެސް އެރޭ ކޮއްކޮ އުޅުނީ ކޮއްކޮގެ ހަގީގަތް ކިޔައިދޭން .. އެކަމަކު އެ ހިތްވަރު ކޮއްކޮއަށް ނުލިބުނީ! އެ ވަގުތު ވެސް އަހަރެމެން ދެ އާއިލާ ތެރޭ އެކަމާ ޒުވާބުހިނގަމުން ދިޔަކަން ކޮއްކޮއަށް އެނގޭ! އެހެންވެ އެންމެ ފަހުން ކޮއްކޮ ޒާއިރާ މަގަށް ނެރެ ގެއަށް ފޮނުވީ.. އޭގެ ކުރިން ކޮއްކޮ ވަޢުދުވި ޒާއިރާއާ އެރޭ ބައްދަލުކުރާނެކަމަށް!"

"ޒާއިރާ ދިއުމުގެ ކުރިން އަހަރެމެން ދެ އާއިލާގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ފެށުނު! ޒާއިރާ ދެކޭނެ ޖަންބުގަހުން އުދުހިގެން ދިޔަ ކާޅުތަކާ ވާތައް. އެތަކެތީގެ ހަޅޭކުގެ އަޑު ވެސް ޒާއިރާއަށް އިވޭނެ!" ވާހަކަ ދައްކަމުން ދިޔަ އަޑު ހުއްޓުމަކަށް އައެވެ. ކުރިއަށްވުރެ ގިނަ ވަގުތު ނުފަށާ މަޑުކުރުމުން ހާޒިމް މަލާކުގެ މޫނަށް ބަލައިލިއެވެ. އަދި މާޒިންގެ މޫނަށް ބަލައިލުމަށްފަހު ވާހަކަ ކުރިއަށް ގެންދަން ބުންޏެވެ.

"އެރޭ އަހަރެމެން ދެބައިމީހުންގެ ދެމެދު ވަރުގަދަ ހަނގުރާމައެއް ހިނގި! އެތައްބަޔަކު ދެފަރާތުން އަނދާ ހުލިވި! އެންމެ ފަހުން އެ އަންހެންމީހާ ބުނަމުން ދިޔައީ ކޮއްކޮ އެކަން ހުއްޓާނުލައިފިނަމަ ޒާއިރާ މަރާލާނެކަމަށް! އެއީ ނުލަފާ އިފްރީތެއްގެ ދަރިއެއް! އަހަރެމެންގެ އާއިލާއަކީ އަމިއްލަ ދިފާއުގައި ނޫނީ ފުރާނަތަކެއް ދުއްވާލާބައެއް ނޫން! އަހަރެމެންގެ އާއިލާއަކީ ދީނަށް ލޯބިކުރާ ދީނަށް އުޅޭ މީހުންގެ ގަބީލާއެއްގެ ބައެއް. މި ސަބަބަށްޓަކައި އަންހެން މީހާ އެދުނީ ޒާއިރާ ދޫކޮށްލެވޭނީ އެންމެ ޝަރުތަކަށް ބޯ ލެނބުމުންކަމަށް! އެއީ .... އެއީ ކޮއްކޮ އެމީހުންގެ ޖަލުގެ ތޭރިތަކުގައި ހައްޔަރުވެގެން އެމީހުން ބުނާހާ ދުވަހަކު އޮތުން.. އެ ގޮތާ ނުގަބޫލު ވެއްޖެއްޔާ މިހާ ހިސާބުން ކޮއްކޮ ޒާއިރާ ދޫކޮށްލިޔަސް ކޮއްކޮ ކުރި ކުށުގެ ބަދަލުގައި އަހަރެމެންގެ މުޅިއާއިލާ ފަނާކޮށްލާނެކަމަށް! އެނޫން ޝަރުތެއް އޭނަ ހުށަހެޅިނަމަ ކޮއްކޮ އެޝަރުތެއް ގަބޫލެއްނުކުރީސްކަން އަހަންނަށް ޔަގީން.... ކޮއްކޮ، މަންމަގެ ފަރާތުން އެދުނީ އެންމެ ފަހަރަކު ޒާއިރާއާ ބައްދަލުކުރަން ހުއްދަ ދިނުމަށް... ބައްޕައަށް ސިއްރުން މަންމަ އެހުއްދަ ކޮއްކޮއަށް ދިނީ ކޮއްކޮ ޒާއިރާދެކެ ވަމުން އައި ލޯބި މަންމައަށް ރަނގަޅަށް އަންދާޒާކުރެވޭތީ! އަދި ކޮއްކޮ އެރޭ ޒާއިރާއާ ބައްދަލުކުރާނެކަމަށް ވަޢުދުވެފައި ވެސް އޮތުމުން... އަހަރެމެންނަކީ ވައުދަށް ހުރުމަތްތެރިކޮށް ހިތާބައެއް! ކޮއްކޮއަށް މަންމަ އެދިން ހުއްދައިގެ ދަށުން އެންމެ ފަހު ފަހަރަށް ކޮއްކޮ ޒާއިރާއާ ބައްދަލު އެ ކުރީ! އެކަން އެ އަންހެންމީހާގެ ލަޝްކަރަށް އެންގީ އޭނަގެ ފަރާތުން ކޮއްކޮއަށް ފާރަލަމުން ދިޔަ އިފްރީތުންތައް! ޒާއިރާގެ ސަލާމަތަށްޓަކައި ކޮއްކޮ އެންމެ ފަހުން ޒާއިރާ ދޫކޮށް ދިޔައީ! އެއީ ކޮއްކޮ ޒާއިރާ ދެކެ ވާލޯބިން..."

"މިހާރުކޮބާ ތިބުނާ ކޮއްކޮ!" ހާޒިމް މަޑުމަޑުން ސުވާލުކުރިއެވެ.

"އެ އަންހެންމީހާގެ ލަޝްކަރުން މަންމައާ ބައްޕަ ވެސް ފަނާކޮށްލީ! އެކަމަކު އޭގެ ކުރިން އެމީހުން ކޮއްކޮ ގެންގޮސް ހިލިހިލާ ޖަހާ ޖަލަށްލީ!... ކޮއްކޮ އަހަރެންގެ ކައިރީ މިވާހަކަތައް ކަލެއަށް ކިޔައިދޭން އެދުނީ ރޭ ދަންވަރު މިތަނަށް ކޮއްކޮ އައުމުގެ ކުރިން... އަދި ބުނި ޒާއިރާ ދެކެ ލޯބިވާ އެހެން މީހަކު މިރޭ މިރަށަށް އެބަ އާދެއޭ! އޭނައަށް ކަންހިނގިގޮތް ކިޔައިދޭށޭ!.. ކަލޭމެން ދުށީމެންނު އަހަރެމެން ދެ ގަބީލާގެ އަރައިރުން.. ތަޅާފޮޅުން .. އެ ހިނގި ހަނގުރާމަ ކޮންމެވެސް ވަރަކަށް!" ހީވީ އެ އަޑުން ސީދާ ހާޒިމްގެ މޫނަށް ބަލަން ހުރެގެން އެހެންބުނިހެންނެވެ.

"ކަލޭ ޒާއިރާ ދެކެ ކިތަންމެ ލޯބިވިޔަސް ކަލެއަކަށް ޒާއިރާގެ ލޯތްބެއް ހާސިލެއް ނުވާނެ! އެހެންވިޔަސް ކަލެއަށް ޒާއިރާއަށް ދިރިއުޅުމެއް ހޯދައިދެވިދާނެ! ކޮއްކޮ އެދެނީ ވެސް އެގޮތް!" ކުއްލިއަކަށް ފާރުތެރެއިން ނިކުތް އަލިގަނޑެއް މުޅިކޮޓަރިތެރެ އަލިކޮށްލާފައި ކޮޓަރީގެ އޭސީއާ ދިމާއިން ޣައިބުވެއްޖެއެވެ. ހަމަ އެއާއެކު ޒާއިރާ ބާރަށް ރޮއެގަތް އަޑު އެންމެނަށް ވެސް އިވި ކުއްލި ސިހުމެއް އެތާ ތިބި އެންމެނަށް ވެސް ލިބިގެން ދިޔައެވެ.

ހާޒިމް ފުންފުން ދެތިން ނޭވާ ލުމަށްފަހު މަޑުމަޑުން ތެދުވެގެން ގޮސް ޒާއިރާ ކައިރީ މަޑުކޮށްލިއެވެ. މަލާކުއާ މާޒިން އަދިވެސް ތިބިތަނުގައި ހަރަކާތެއްނެތިފައި ގަނޑުވެފައި ތިބީއެވެ.

"ޒާއި، ލޯހުޅުވަ ބަލަ!" ދެ ފަހަރަކު ޒާއިރާއަށް ހާޒިމް ގޮވައިލިއެވެ. އެއަށްފަހު އަތުގައި ހުރި ފެންތަށިން ދެތިން ފަހަރަކު ޒާއިރާގެ މޫނަށް ފެން ޖަހައިލިއެވެ.

މާގިނައިރެއް ނުވެއެވެ. ޒާއިރާ ލޯހުޅުވައިލިއެވެ. ގޮވީ އޭނަގެ މަންމަގެ ނަމުންނެވެ. އެދުނީ ފެންފޮދަކަށެވެ. މަލާކުއަށް ހާޒިމް ބަލައިލިއެވެ. މަލާކު ދުވެގޮސް ކުރުނބާ ފެންފޮދެއް ހިފައިގެން އައިސް ޒާއިރާގެ ބޯ ދަށަށް އަތްލައްވާލާ ކުޑަކޮށް ހިއްލާލަމުން ތަށި ޒާއިރާގެ ތުނބުގައި ޖެއްސިއެވެ. އެއްބަޔަށް ކުރުނބާފެން ހުރި އެ ތަށި ޒާއިރާ އެއްކޮށް ހުސްކޮށްލިއެވެ. އެއަށްފަހު އެތާ ތިބި ކޮންމެ މީހަކަށް ވަކި ވަކިން ބަލައިލިއެވެ. އެ މޫނުން ހިތާމައިގެ އަސަރު ނޫން އެއްޗެއް އެމީހުންނަކަށް ނުފެނުނެވެ. ދެން ދެލޯ މަރައިލިއެވެ.

މަލާކު ޒާއިރާގެ މައިންބަފައިންނަށް ޒާއިރާ ބަލި ވާހަކައިން ޚަބަރު ދިނީ އެދުވަހުގެ މެންދުރުވާން އުޅެނިކޮންނެވެ. އެމީހުންނަށް ޖާގަ ލިބުނު ފްލައިޓަށް އެރަށަށް އާދެވުނީ އެރޭ މެންދަމުއެވެ. އެހެންކަމުން ވާނުވާ އޮޅުން ފިލާތޯ މަލާކުއަށް ގުޅާ އަހަމުން ބަލަމުން އެ ދެމަފިރިން ގެންދިޔައެވެ. ދެލޯ ފަދަ ލޯބިވާ އެމީހުންގެ މޭގެ އެތިކޮޅަށް މި ދިމާވި ހިތްދަތި ހާލާމެދު ކަރުނަ އަޅަމުން ދަރިފުޅަށް އަވަސް ޝިފާއެއް ލިބުން އެދި ދުޢާ ކުރުން މަތީ އެމީހުން ތިއްބެވެ.

ޒާއިރާގެ މަންމައާ ބައްޕަ އައިސް ޒާއިރާމެން ތިބިގެއަށް މަޑުކުރީ ގަޑިން ބާރަގަޑި ބައިވާން އުޅެނިކޮށްނެވެ. އެމީހުން އަންނަން ދެން މަލާކުއާ ހާޒިމް ޒާއިރާގެ ކޮޓަރީގައި ދުރަށް ނުގޮސް މަޑުކޮށްގެން ތިއްބެވެ. އެދެމީހުންގެ ދެމެދުގައި ވެސް އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އިވުނު އަޑުތަކުން އެދެމީހުން ތިބީ ދައްކާނެ އެއްވެސް ވާހަކައެއް ދުލަށް ނައިހެވެ. ޒުހުރާގެ ދެމަފިރިން ވެސް ނުނިދާ އެމީހުންގެ ކޮޓަރީގައި ވާނުވާއެއް ނޭނގި ތިއްބެވެ. ސިޓިންގރޫމުގެ ސޯފާއެއްގައި މާޒިން އޮތީ ނިދިފައެވެ.

ޑްރައިވަރާ އެކު ޒާއިރާގެ މައިންބަފައިން އެގެއަށް ވަދެގެން އައިއަޑަށް ހާޒިމް ކޮޓަރި ހުޅުވާލާފައި ބޭރަށް ބޯދިއްކޮށްލިއެވެ. އެދެމަފިރިން ފެނުމުން ހާޒިމް އެއްފަރާތްވެލާ ކޮޓަރިއަށް ވަންނަން ތަންދެއްކިއެވެ. އިސްޖަހާލައިގެން ހުރެއެވެ. ޒާއިރާގެ މަންމައަށް އެމީހުންގެ ދަރިފުޅުގެ މިލާ މޯޅިވެފައިވާ މޫނު ފެނުމުން ދުވެގޮސް ރޮމުން ދަރިފުޅާ އޮޅުލާގަތެވެ. ޒާއިރާގެ ބައްޕަ ޒާއިރާގެ މަންމަގެ ކޮނޑުމަތީ އަތްބާއްވަމުން ގުދުވެ ޒާއިރާއަށް ދެތިންފަހަރަކު ގޮވައިލިއެވެ. ޒާއިރާ ލޯހުޅުވައިލިއެވެ. އަދި މަންމައަށާ ބައްޕައަށް ބަލައިލަމުން ކުޑަކޮށް ހީނލިއެވެ. އަޑު ނީވުނަސް ކޮންމެވެސް އެއްޗެއް ވެސް ދެ ފަހަރަކު ބުނެލިއެވެ. އަދި ކުރިމައްޗަށް ކަނާތް ދިއްކޮށްލިއެވެ. ތެދުވަން ވެސް އުޅުނެވެ. އެކަމަކު ޒާއިރާ އަކަށް ނުތެދުވެވުނެވެ. ޒާއިރާ އޮތްތަނަށް ޒާއިރާ ދެމިއްޖެއެވެ. ދެން ފެނުނީ ހަށިފުރާ ދެތިން ނޭވާ ލީތަނެވެ. އެއީ ޒާއިރާ މިދުނިޔެމައްޗަށް ލީ އެންމެ ފަހުގެ ދެތިން ނޭވާއެވެ.

ފަތިސްވަމުން އައިއިރު ޒާއިރާގެ ފުރާނަ ނެތް މަސްގަނޑާ އެކު ހާޒިމް އަތޮޅު ހޮސްޕިޓަލުން އެ ނިކުތީ ފުވައްމުލަކުގައި ހުންނަ ހިނަވާގެއަށް ޒާއިރާ ގެންދިއުމަށް އެމްބިއުލާންސަށް އެރުވުމަށެވެ. އިރުކޮޅެއް ފަހުން ޒާއިރާގެ ހަށިގަނޑާ އެކު ހާޒިމްގެ ހުރިހާ އުންމީދަކާ ކުލަނުޖެހުނު ހުވަފެންތައް ވެސް ވަޅުލެވިގެންދާނެއެވެ. އެންމެ ލޯބިވި އަންހެންކުއްޖާ ކައިރީ އެ ލޯބި ފާޅު ކުރާނެ ފުރުސަތު ވެސް ހާޒިމްއަކަށް ނުލިބުނެވެ. އޭގެ ކުރިން އެހެން ފަރާތަކަށްޓަކައި އެހިތާ ފުރާނަ ގުރުބާންކުރީއެވެ. އެލޯބި ހާސިލް ނުވެވުނު ހިނދު އެ ކުށެއްނެތް މައުސޫމު އަންހެންކުއްޖާއަށް އެ ވޭން ތަޙައްމަލުކުރުމުގެ ކުޅަދާނަކަން ނުލިބުނީއެވެ. ހާޒިމްގެ ހިތުގައި ދިއްލުނު ލޯބީގެ އެ ހުޅުކޮޅު ޖެހިލި އެންމެ ވައިރޯޅިއަކުން ސަލާމަތްނުވެވި ނިވިގެން ދިޔައީއެވެ.

މިކްޔާއީލްއާ ޒާއިރާގެ ލޯތްބަކީ މިސާލެކެވެ. ތެދުވެރި ލޯބީގައި އެއްވެސް އިމެއް ނޯންނާނެއެވެ. އިން ފަހަނައަޅާދާންޖެހިއްޖެ ހާލަތެއްގއި ލޯބީގެ ބާރުން އެ ހުރިހާ ހުރަސްތަކެއް ގިރާކުރާނެއެވެ. މިކްޔާއީލް ފަދައިންނެވެ.

ދުވަހެއްގެ އިރު ފެނުން ތޮޅިލީ ޒާއިރާ ފަދަ އެތައް މައުސޫމު ފުރާނައެއް މިދުނިޔޭގެ ފަސްގަނޑުދަށަށް ލަމުންނެވެ. އެތައް ބައެއްގެ އުންމީދާ ހުވަފެންތަކަށް ފަސްލާ ފޮރުވަމުންނެވެ. އެއީ ޤުދުރަތީ ގާނޫނެވެ. ދުނިޔެ ދެމި އޮތްހާ ހިނދަކު މި ގާނޫނު ހިނގަމުންދާނެއެވެ. މިއަދެކޭ އެއްފަދައިންނެވެ.

=ނިމުނީ=