ގައުމީ ޓީމުގައި ދޮން ނަސްލުގެ ކުޅުންތެރިން ގިނަ ކުރުމާ ބެހޭ ގޮތުން އާއްމުން ދެކޭ ގޮތް ބެލުމަށް ޓަކައި ޖަރުމަނުގެ ސްޓޭޓް ބްރޮޑްކާސްޓަރު އޭއާރްޑީއިން ކުރިއަށް ގެންދިޔަ ސާވޭއަކަށް އެ ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޖޫލިއަން ނާގަލްސްމަންގެ ނުރުހުން ރައްދުވެއްޖެއެވެ.
އޭއާރްޑީއިން ކުރިއަށް ގެންދިޔަ މި ސާވޭގައި ވަނީ 1,304 މީހުންނާ, ޖަރުމަނުގެ ގައުމީ ޓީމުގެ ދޮން ނަސްލުގެ ކުޅުންތެރިން ގިނަ ކުރަން އެދޭތޯ ސުވާލުކޮށްފައެވެ. މި ސާވޭގައި ބައިވެރިވި ފަރާތްތަކުގެ 21 އިންސައްތަ މީހުން ބުނާ ގޮތުގައި ގައުމީ ޓީމުގައި ދޮން ނަސްލުގެ ކުޅުންތެރިން އިތުރުކުރަން ބޭނުންވާ ކަމަށެވެ.
މި ސާވޭއަކީ ކަޅު ނަސްލުގެ ކުޅުންތެރިން ދަށް ކޮށްލުމުގެ ނިޔަތުގައި ކުރިއަށް ގެންދިޔަ ސާވޭއެއް ކަމަށް ބުނެ އެކި ފަރާތްތަކުން އަންނަނީ އޭއާރްޑީއަށް ފާޑު ކިޔާފައެވެ. އެގޮތުން ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ނާގަލްސްމަން ވެސް ވަނީ އެ ސާވޭއާ މެދު ނުރުހުން ފާޅުކޮށްފައެވެ.
"އަހަރެން ވަރަށް ހައިރާންވެ އަހަރެމެން އެހެން ގައުމުތަކުގެ ސަގާފަތާއި އާދަކާދަތައް ބަލާލަން އެ ގައުމުތަކަށް ޒިޔާރަތް ކުރި ކަމުގައިވިއަސް އެހެން ގައުމުތަކުގެ އެކި ނަސްލުތަކުގެ މީހުން އަހަރެމެންގެ ގައުމަށް އައީމަ މައްސަލަ ޖައްސާތީ. އަހަރެމެންގެ ޓީމަށް ކުރިއަށް މިއޮތީ މުހިއްމު ޔޫރޯއެއް. މަތީ ފެންވަރުގައި ފުޓުބޯޅަ ކުޅެވޭ ކޮންމެ ނަސްލެއްގެ ފަރާތަކަަށް ވެސް މި ޓީމުގައި ޖާގަ އޮންނާނެ" އޭއާރްޑީގެ ސާވޭއާ ބެހޭ ގޮތުން ނުރުހުނަ ފާޅުކުރަމުން ނާގަލްސްމެން ބުންޏެވެ.
އެ ސާވޭއާ ބެހޭ ގޮތުން އޭއާރްޑީ ބްރޯޑްކާސްޓަރުން ބުނި ގޮތުގައި އެ ސާވޭއަކީ އޭއާރްޑީގެ ރިޕޯޓަރަކު ހަދަމުން ދިޔަ ފުޓުބޯޅަ ޑޮކިއުމަންޓްރީއަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ޓަކައި ކުރިއަށް ގެންދިޔަ ސާވޭއެއް ކަމަށެވެ. ޑޮކިއުމަންޓްރީއެއް ހެދުމުގެ ނިޔަތުގަ ކަމުގައިވިއަސް އޭއާރްޑީއިން އެ ސާވޭ ކުރިއަށް ގެންދަން ނިންމި ނިންމުން އެތައް ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ.