ރައްޔިތުންގެ މަޖިލިސްގޭ ކުރިމަތީގައި މެދުޒިޔާރަތް މަގަށް ވާގޮތަށް އޮންނަ ޕާކިންގ ޒޯނުގައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް ރޭ ދަންވަރު 03:03 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ސައިކަލްތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 03:15 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި ދެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ފަސް ސައިކަލާއި ދެ ވޭނަށް ވަނީ އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ ދެނެގަނެވި އޭނާ ހައްޔަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލަ ފުލުހުން އަންނަނީ ތަޙްޤިގުކުރަމުންނެވެ.