މިއަހަރުގެ "ރެހެންދި އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރެހެންދި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.

މި އެވޯޑުގެ މަޤްޞަދަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ޤައުމީ ފެންވަރުގައި ވަޒަންކުރުން ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެ.

އެވޯޑަށް މި އަހަރު ކުރިމަތިލެވޭނެ ދާއިރާތަކަކީ:

- ހަމައެކަނި އަންހެނުންނަށް އެވޯޑަށް ކުރިމަތިލެވޭ ދާއިރާ

- ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ

- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާ

- ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާ

- ޢާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންނަށް އެވޯޑަށް ހުށަހެޅޭ ދާއިރާ

މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓު www.gender.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގެ ލިންކްhttps://www.gazette.gov.mv/iulaan/view/143800 މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މި އެވޯޑަށް ނަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަކީ 28 ފެބުރުވަރީ 2021ވާ އާދީއްތަ ދުވަހުގެ 14:00އެވެ.