ޗެލްސީ ދޫކޮށް އާސެނަލްއަށް ސޮއިކުރަން ނިންމި ނިންމުމާމެދު ހިތްހަމަޖެހޭ ކަމަށް ކައި ހަވާޓްޒް ބުނެފިއެވެ.

ހަވާޓްޒް މިހެން ބުނެފައިވަނީ ޖަރުމަނުގެ ނޫހެއް ކަމުގައިވާ ވެލްޓް އެމް ސޮންޓެގްއަށް ދިން އިންޓަވިއުއެއްގައެވެ. ހަވާޓްޒް ބުނި ގޮތުގައި ޗެލްސީގެ ސަޕޯޓަރުންގެ ނުރުހުން ރައްދުވި ކަމުގައިވިއަސް އާސެނަލްއަށް ސޮއި ކުރެވުނީތީ އޭނާ ހިތްހަމަޖެހޭ ކަމަށެވެ.

"ޗެލްސީ ދޫކޮށް އާސެނަލްއަށް ސޮއިކުރިކަން އެއީ އެންމެ ރަނގަޅަށް ދިމާވި ގޮތް ކަމަށް އަހަރެން ގަބޫލުކުރަން. އާސެނަލްއަށް ސޮއި ކުރި އިރު ޗެލްސީ ސަޕޯޓަރުންގެ އިތުރުން އާސެނަލްގެ ސަޕޯޓަރުންގެ ނުރުހުން ވެސް ރައްދުވި. އެކަމަކު ކޯޗާއި ޓީމް މޭޓުންގެ އެހީއާއެކު އަހަންނަށް މި ވަނީ އާސެނަލް ސަޕޯޓަރުންގެ ރުހުން ހޯދިފަ" ވެލްޓް އެމް ސޮންޓެގްއަށް ދިން އިންޓަވިއުގައި ހަވާޓްޒް ބުންޏެވެ.

65 މިލިއަން ޕައުންޑުގެ އަގަކަށް, ހަވާޓްޒް ޗެލްސީ ދޫކޮށް އާސެނަލްއަށް ސޮއިކުރީ މިދިޔަ އަހަރުއެވެ. ޗެލްސީ ދޫކޮށް, އެ ކްލަބާ ވާދަވެރިކަމުގެ ދިގު ތާރީހެއް އޮތް އާސެނަލްއަށް ސޮއި ކުރީތީ ޗެލްސީގެ ސަޕޯޓަރުންގެ ނުރުހުން ހަވާޓްޒައަށް ވަނީ ރައްދުވެފައެވެ.

ހަވާޓްޒް ވަނީ ޗެލްސީގައި އޭނާ ހޭދަކުރި ތިން އަހަރުގައި އެ ކްލަބަށް 91 މެޗު ކުޅެދީ 32 ލަނޑު ކާމިޔާބު ކޮށްފައެެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ ދެކޮޅަށް ކާމިޔާބު ކުރި ލަނޑެވެ.