ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ބޮޒްނިއާ އެންޑް ހާޒެގޮވީނާ އަތުން 3-0 އިން އިނގިރޭސި ވިލާތުން ކާމިޔާބު ކޮށްފިއެވެ.

ނިއުކާސަލްގެ ދަނޑު ކަމުގައިވާ ސެއިންޓް ޗޭމްސް ޕާކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިނގިރޭސި ވިލާތުގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. ދެ ޓީމުގެ މެދުގައި ފެންވަރުގެ ގޮތުން ބޮޑު ތަފާތެއް އޮތް ކަމުގައިވިއަސް ބޮޒްނިއާ ވަނީ ފުރަތަމަ ހާފުގައި އިނގިރޭސި ވިލާތަށް ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާލައިފައެވެ.

މެޗުގައި އިނގިރޭސި ވިލާތުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ކޯލް ޕާމާ ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގެ 85 ވަނަ މިނެޓުގައި އިނގިރޭސި ވިލާތުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެެވެ. މި ލަނޑަކީ ލިވަޕޫލަށް ކުޅެމުން އަންނަ ޑިފެންޑަރު ޓްރެންޓް އެލެކްސެންޑާ އާނޮލްޑް ކާމިޔާބު ކުރި ލަނޑެކެވެ. ޓްރެންޓަކީ އާއްމު ގޮތެއްގައި ކަނާތް ފަރާތުން ފަހަތަށް ކުޅޭ ކުޅުންތެރިޔެއް ކަމުގައިވިއަސް މި މެޗުގައި އޭނާ ފެނިގެންދިޔައީ މިޑްފީލްޑަރެއްގެ ގޮތުގައެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ތަޖުރިބާކާރު ސްޓްރައިކަރު ހެރީ ކޭން ވަނީ އިނގިރޭސި ވިލާތުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. ބޮޒްނިއާގެ ފަރާތުން މެޗުގައި އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމަށް ވަނީ, މެޗުގެ ވަގުތު ހަމަވި އިރު ވެސް އިނގިރޭސި ވިލާތުގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

ކުރިއަށް އޮތް ވަރުގަދަ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗަށް އިނގިރޭސި ވިލާތުން ނިކުންނާނީ 7 ޖޫން ވާ ހުކުރު ދުވަހުއެވެ. މި މެޗުގައި އިނގިރޭސި ވިލާތުން ވާދަކުރާނީ އައިސްލޭންޑާއެވެ.