ފަލަސްތީނުގެ ހުޅަނގުއައްސޭރީގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު އދ.އިން ކުށްވެރިކޮށްފިއެވެ.
އދގެ އިނސާނީ ހައްގުތަކާއި ބެހޭ ރައީސް ވޯލްކަރ ޓާކް އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގައި މަރުވި މީހުންގެ އަދަދުގެ އިތުރުން ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް ވެސް އިޒްރޭލުންދަނީ ހުއްޓުމެއްނެތި ހަމަލާދެމުން ކަމަށެވެ. މިގޮތުން ދުވަހަކަށް ފަހު ދުވަހެއް ކުރިން ނުފެންނަ ވަރުގެ ލޭއޮހޮރުވުންތަކެއް ފަލަސްތީނުގެ ރައްޔިތުންނާއި ކުރިމަތިވަމުންދާއިރު މިކަންތަށް އދއިން ވަނީ ތަކުރާރުކޮށް ކުށްވެރިކޮށްފައެވެ.
މިދިޔަ އޮކްޓޫބަރު 7ގެ ފަހުން މިވީ ހަތްމަސް ދުވަސް ތެރޭގައި އިޒްރޭލުން ވަނީ 36,000އަށް ވުރެގިނަ ފަލަސްތީނުން ޝަހީދު ކޮށްލައިފައެވެ. ޝަހީދުވި މީހުންގެ ތެރެއިން 15،000 ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި އިޒްރޭލުންގެ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު މިހާރު 81,000 އަށް އަރާފައިވާއިރު 10،000 އަށް ވުރެގިނަ ކުދިން ވަނީ ގޮތްނޭނގި ގެއްލިގެން ގޮސްފައެވެ.
މީގެއިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި 519 މީހުން ޝާހީދުކޮށްލާފައިވާއިރު މީގެތެރެއިން 130 ޝަހީދުންނަކީ ކުޑަކުދިންނެވެ. އަދި އެ ސަރަހައްދުގައި ވެސް 5000 އަށްވުރެގިނަ މީހުންވަނީ ޒަހަމްވެފައެވެ.